މެދުއިރުމަތީގައި ހިނގަމުން އަންނަ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު އައުމަށް ހަމަޖެހިފައިވާ އަދި ފުރުމަށް ހަމަޖެހިފައިވާ ގިނަ ފްލައިޓްތަކެއް ކެންސަލް ކޮށްފިއެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތްއިރު، އީރާނާއި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ގިނަ އެއާލައިންތަކުން ވަނީ އެ ސަރަހައްދުގެ ގައުމުތަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.
ވީއައިއޭގެ ފްލައިޓްތަކުގެ މައުލޫމާތު އާންމުކުރާ ވެބްސައިޓުން ދައްކާ ގޮތުގައި، މިއަދު ރާއްޖެއަށް އަންނަން އޮތް އަދި ރާއްޖޭން ފުރުމަށް ހަމަޖެހިފައިވާ 40 ފްލައިޓެއް ވަނީ ކެންސަލް ކޮށްފައެވެ. މީގެ ތެރޭގައި މެދުއިރުމަތީގެ މަޝްހޫރު އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، އެއާ އަރަބިއާ އަދި ފްލައި ދުބާއީ ހިމެނެއެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ނުވަތަ ވަކި ވަގުތުތަކެއްގައި އެކަނި ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރަމުންދާއިރު، ގިނަ އެއާލައިންތަކުން ދަތުރުތައް އަލުން ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

