މުއުމިނުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވުމަކީ ދުނިޔެމަތީގައި އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން ބޭއްވި 2 ވަނަ އިޙްޔާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް މައުމޫން ވަނީ މުއުމިނުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމުގެ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔެމަތީގައި އުފާވެރިކަމާއި ބާއްޖަވެރިކަން ލިބޭނީ އެއް މުއުމިނަކު އަނެއް މުއުމިނަކަށް ކަމޭހިތައި، އެކަކު އަނެކަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އެހީތެރިވެގެންނެވެ. އަދި ދެމީހެއްގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ، ވާހަކަދައްކައިގެން އެކަން ހައްލުކުރުމަކީ މާތް ﷲ އަންގަވާފައިވާ ގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމާއި އަނބިދަރިންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ ވާޖިބެއްކަމަށާއި، ލިބިފައިވާ މުދަލާއި ފައިސާ ޤައުމަށް ފައިދާހުރި ކަންކަމުގައި ބޭނުންކުރަންޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. މިފަދަ ގޮތަކަށް ދިރިއުޅުން ބައްޓަންކުރުމުން މާތް ﷲ އަންގަވާފައިވާ ފަދަ އުފާވެރި ހަޔާތެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި އިސްލާމީ ޔުނިވަރސިޓީގެ ސީނިއަރ ލެގްޗަރަރ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ސާމިޔާގެ ވާހަކަފުޅުގައި، އިންސާނާގެ ދުނިޔަވީ ހަޔާތަކީ އާހިރަތުގެ ބާއްޖަވެރިކަމަށްޓަކައި ކުރެވޭ ދަތުރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. މި ދަތުރުގައި އެންމެ މުހިންމީ ތަގުވާވެރިކަމާއި އީމާންތެރިކަން ކަމަށާއި، ދުނިޔޭގެ އިމްތިޚާނުން ފާސްވެ އާހިރަތް ބާއްޖަވެރިވާނީ ދުނިޔޭގައި ކުރާ ހެޔޮ އަމަލުތަކުންކަން ބަޔާންކުރެއްވިއެވެ.
ސާމިޔާ އިތުރަށް ވިދާޅުވީ، އިންސާނާގެ ދަތުރު ނިމޭއިރު އޭނާއާއެކު ދާނީ ދުނިޔޭގައި ކުރި އަމަލުތަކުގެ ރެކޯޑު ނުވަތަ "އަމަލުގެ ކާޑު" ކަމަށެވެ. އެހެންކަމުން، ފުރިހަމަ މުސްލިމަކަށް ވެގެން މެނުވީ އާހިރަތް ބާއްޖަވެރި ނުވާނެކަމަށާއި، ރިވެތި އަޚުލާޤާއި އެހެން މީހުންނަށް އޯގާތެރިވުމަކީ ސުވަރުގެ ވަނުމަށް މަގުފަހިވާނެ ކަންކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

