ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގަލޮޅު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ޖަގަހަ ހުޅުވާފައިވަނީ ހުސްނުހީނާ މަގުގައި ހުންނަ ގ. ހެޕީސައިޑްގައެވެ.
ޖަގަހަ ހުޅުއްވައިދެއްވުމަށް ބޭއްވި ޚާއްޞަ ޙަފްލާގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އަރިހުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙްގެ އިތުރުން ޕާޓީގެ އިސް ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޙަފްލާގައި ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓުން ކަމަށްވާ މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމަށް ވާދަކުރައްވާ މިހާރުގެ ވެސް މެންބަރު މަރްޔަމް ރީހާން ނާޒީމް އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވާ ޚަދީޖާ ޖަމީލް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އަދި ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މަމްދޫޙް ވަނީ، މިފަހަރުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް، ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކާމިޔާބުކަމާއެކީ ނިންމާލުމަށްޓަކައި، ކައުންސިލްތަކަށް ޕީއެންސީގެ މެންބަރުން އިންތިޚާބުކުރުން މުހިއްމުކަން ފާހަގަކުރައްވައި، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސްކުރެއްވިއެވެ.

