މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަތުރުވެރިކަމުގެ ބޭނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން 31 ތަނެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވަމުންނެވެ.
ވަޒީރު ޠާރިޤު ވިދާޅުވި ގޮތުގައި މިހާތަނަށް ތަންތަން ދޫކޮށްފައިވަނީ ތަފާތު ތިން މޮޑެލްއެއްގެ ދަށުންނެވެ. އެގޮތުން ކްލޯޒް ބިޑިންގްގެ ދަށުން 16 ތަނެއް، ކްރޮސް ސަބްސިޑީގެ ދަށުން 11 ތަނެއް އަދި އޯޕަން ބިޑިންގްގެ ދަށުން 4 ތަނެއް ވަނީ ކުއްޔަށް ދޫކޮށްފައެވެ. މިއީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާއްސަ ލުއިތަކެއް ދެއްވާފައެވެ. ވަޒީރު ވިދާޅުވީ މި ލުއިތަކުގެ ތެރޭގައި ލީޒް އެކުއިޒިޝަން ރޭޓް ކުޑަކުރުމާއި، ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްޤީކޮށް ހުޅުވައިފިނަމަ އެ މުއްދަތުގެ ކުލި ދެއްކުން ފަސްކުރުމުގެ އިޚްތިޔާރު ދިނުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ކެޕިޓަލް އިންވެސްޓްމަންޓްގެ 15 އިންސައްތައާ ހަމައަށް ޑިއުޓީ މައާފްކޮށްދިނުންވެސް ހިމެނެއެވެ.
ހަމައެއާއެކު، އާންމުކޮށް ހުޅުވާލައިގެން ބީލަމަށްލާ ތަންތަނުގެ ލީޒް އެކުއިޒިޝަން ކޮސްޓް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ވަޒީރު ވިދާޅުވީ މި ލުއިތަކާއެކު ފުރަތަމަ އިއުލާންކުރި 16 ޕްރޮޖެކްޓްގެ ތެރެއިން 3 ރަށަކަށް ބިޑް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން 2 ރަށެއްގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އެ ކޮންސެޕްޓަށް ހުޅުވާލާ ރަށްތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓް 20 އިންސައްތަ ދަށްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. “ހަލާލް ޓޫރިޒަމް ކޮންސެޕްޓްގެ ދަށުން ފުރަތަމަ ހުޅުވާލި 6 ޕްރޮޖެކްޓްގެ ތެރެއިން އެއް ތަން މިހާރު ވަނީ ކުއްޔަށް ދޫކޮށްފައި،” ވަޒީރު ވިދާޅުވިއެވެ. ބިޑް ހުށަހަޅާފައިނުވާ ރަށްތަކަށް މިއަހަރުގެ ފެބްރުއަރީ މަހު އަލުން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މުޅިން އަލަށް 7 ރިސޯޓެއް ރާއްޖޭގައި ހުޅުވުމެވެ. މި ރިސޯޓްތައް ހުޅުވުމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ 1000 އަށްވުރެ އިތުރުވެގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އުންމީދު ކުރެއެވެ.

