ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވަނީ އެޗްޑީސީގެ ހެޑް އޮފީހުގައެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ސޮސައިޓީގެ ޗެއާޕާސަން އިމާން މުހައްމަދުއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީގެ މަސައްކަތްތައް ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ބޭނުންވާ އޮފީސް ޖާގަ އެޗްޑީސީން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަންތަކެއް އެޗްޑީސީއާ ގުޅިގެން ކުރިއަށްގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.
މި ޕްރޮގުރާމުގެ މައިގަނޑު މަގްސަދަކީ ގިނަ ބަޔަކަށް ތެލެސީމިއާއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ރާއްޖޭގައި ތެލެސީމިއާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށް ބާރުއެޅުމެވެ. މިއީ މުޖުތަމައުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މުޖުތަމައަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތަކެއް ހިންގައި، އިޖުތިމާއީ ޒިންމާގެ ދަށުން އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

