މަސްވެރިކަން ރަނގަޅުވާ މޫސުމުގައި މަސްވެރިން އައިސް ހޯދުމަށް އުފުލަންޖެހޭ ތަކުލީފުތަކަށް ސަރުކާރުން ބޮޑު ހައްލެއް ހޯދައިދީފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް ގަންނަނީ މިފްކޯއިން ކަމަށްވާއިރު، މަހުގެ އަގު ކަނޑައެޅުމުގައި މަސްވެރިން ކުރާ ބުރަ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑަށް ރިއާޔަތްކުރާ ކަމަށެވެ. އެހެންކަމުން މިފްކޯއަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
“ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް އެއީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުން. ސިނާއަތު ކުރިއަރައިގެން ދާ ވަަރަކަށް މިފްކޯގެ ހިންގުން ހަރުދަނާ ވެގެން ދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަސައްކަތެއް ވަރަށް ބޮޑު އަމާޒެއް،” ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރި ސިނާއަތުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު އައިސް ނުލިބުމުގެ މައްސަލަ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި މަސްވެރިކަން ކުރާ ސަރަހައްދުތަކުގެ ކޮމިއުނިޓީތަކުން އައިސް ޕްލާންޓް ގާއިމްކުރުމަށް ވަރަށް ގިނަ އެދުންތަކެއް ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސްވެރިންނަށް ދިމާވެފައިވާ އައިސްގެ ދަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ ދަށުން، މިހާރު ވަނީ ފަސް ރަށެއްގައި އައިސް ޕްލާންޓްތައް އޮޕްރޭޝަނަށް ގެނެސްފައެވެ. އެ ރަށްތަކަކީ:
- ގއ. ގެމަނަފުށި
- ގއ. ދެއްވަދޫ
- ށ. ފުނަދޫ
- ދ. މީދޫ
- ދ. ބަނޑިދޫ
މި އައިސް ޕްލާންޓްތައް އޮޕްރޭޝަނަށް ގެނައުމަކީ މަސްވެރިކަން ކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ އައިސްގެ ދަތިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

