ޖަޕާން ސަރުކާރުގެ ދީލަތީ އެހީގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހާއްސަ އުޅަނދެއް ގެނައުމުގެ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ޝާބިންއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 65,784 އެމެރިކާ ޑޮލަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޕާން ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވީ، މާލޭގެ އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާއިރު، އެފަރާތްތަކަށް ސިއްހީ ހިދުމަތްތައް ހޯދުމަށް ދަތުރުކުރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. "އުމުރުން ދުވަސްވީ މީހުންގެ އާބާދީ މާލޭގަވެސް އިތުރުވަމުން ދާއިރު، ސިއްހީ ހިދުމަތަކީ ވަރަށް ބޮޑު މައްސަލައެއް. މި ޕްރޮޖެކްޓުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނެ. މި ވެހިކަލްތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ސިއްހީ ހާލަތު ރަނގަޅުވެ، ކުއްލި ހާލަތްތަކުގައި ބުރަ ކުޑަވެގެންދާނެ،" ސަފީރު ވިދާޅުވިއެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ޝާބިން ވިދާޅުވިގޮތުގައި، ގިނަ ދޮށީ އުމުރުގެ މީހުންނަށް ހިނގާބިނގާވެ އުޅުމާއި އިޖްތިމާއީ ކަންކަމުގައި ބައިވެރިވުމަށް ބޮޑެތި ހުރަސްތަކެއް ހުރެއެވެ. މި މަޝްރޫއުގެ ދަށުން ގެނެވޭ އުޅަނދުތަކާއެކު، އެ ފަރާތްތަކަށް ބޭނުންވާ "ޕޭޝަންޓް ޓްރާންސްޕޯޓު" ނުވަތަ ބަލިމީހުން އުފުލުމުގެ ހިދުމަތް މިހާރަށްވުރެ ފުޅާދާއިރާއެއްގައި މާލެ ސިޓީގައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ދޮށީ އުމުރުގެ މީހުންނަށް އަޅާލުމާއި، މުޖުތަމައުގައި ދެވޭ އިމަޖެންސީ ރެސްޕޮންސް މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ސިއްހީ މަރުކަޒުތަކަށް ދިއުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ދަތުރުކުރުމުގައި އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރެޑް ކްރެސެންޓުން އުންމީދު ކުރެއެވެ.

