ފ. ނިލަންދޫގައި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. މި މަޝްރޫޢަކީ އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން 27 މަރޗް 2024 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ނިލަންދޫ އެއާޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ 45.6 ހެކްޓަރުގެ ބިން މިހާރު ވަނީ އެއްކޮށް ހިއްކާ ނިމިފައެވެ. ފަޅު ފުންކުރުމާއި ވެލި އެޅުމުގެ މަސައްކަތްތަކާއެކު މި މަޝްރޫޢުގެ ޖުމްލަ 74 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. މިގޮތުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ސައިޓުގައި ވަނީ ފަށާފައެވެ.
ނިލަންދޫ އެއާޕޯޓަކީ މި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފައިވާ 12 އެއާޕޯޓުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ނިލަންދޫގައި ތަރައްޤީކުރާނީ “ޖެޓް ޖެއްސޭ ފެންވަރުގެ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު އެންމެ ޒަމާނީ އެއާޕޯޓެއް” ކަމަށެވެ.
ފ. އަތޮޅަކީ ރާއްޖޭގައި މިވަގުތު އެއާޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫއަކީ ސަރުކާރުން އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ ރަށަކަށްވާއިރު، އެރަށުގެ ބަނދަރު ތަރައްޤީކުރުމާއި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.

