ހއ. އުލިގަމުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޓް (އެމްޕީއެލް) އިން މިއަދު ހުޅުވާލައިފިއެވެ. މި މަޝްރޫއަކީ އުލިގަމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް އެމްޕީއެލްއާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން މެރީނާ ޑިޒައިންކުރުމާއި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޕީއެލްއިން ވަނީ އިއުލާންކޮށްފައެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އެވެ.
ހއ. އުލިގަމަކީ ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ އަދަދެއްގެ ޔޮޓްތައް ބަނދަރުކުރާ ރަށެކެވެ. ނަމަވެސް، އެ ރަށަށް ފައިބާ ފަތުރުވެރިންނަށް އެކަށީގެންވާ ޚިދުމަތްތައް ދޭނެ ވަސީލަތްތައް ގާއިމްވެފައި ނެތުމަކީ މިހާތަނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އައު މެރީނާއާއެކު މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި، މި މެރީނާ ތަރައްގީކުރުމަށް ވަކި ހާއްސަ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. މި ސަރަހައްދުގައި މޫދުގައި އަޅާ ފްލޯޓިން ޕްލެޓްފޯމްތަކަކީ 3 މީޓަރު ފުޅާ ޕްލެޓްފޯމްތަކެކެވެ. އަދި މި މެރީނާއަށް ކައިރިކުރެވޭނީ 12 މީޓަރާއި 15 މީޓަރާ ދެމެދުގެ ދިގުމިން ހުންނަ އުޅަނދުފަހަރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އުލިގަމަށް ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވެފައިވަނީ، މި ޔޮޓް މެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި އުލިގަމަށް ހާއްސަ އިގްތިސާދީ މި މަސައްކަތަކީ ދާއިމީ ގޮތެއްގައި ފުޅާވާނެ ގޮތަށް ކުރިއަށް ގެންދެވޭނެ މަޝްރޫއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

