މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކުރުމުގެ ސަބަބުން ރާއްޖޭގައި ތާށިވި ފަސިންޖަރުން ގެންދިއުމަށް އެމިރޭޓްސްގެ ފްލައިޓްތައް އަލުން އޮޕަރޭޓް ކުރަން ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ނުފުރި ތާށިވެފައި ތިބި ފަސިންޖަރުން ގެންދިއުމަށް އެމިރޭޓްސްގެ މަތިންދާބޯޓެއް ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްފައިވާ ކަމަށެވެ. އަދި މިރޭ ވެސް އެމިރޭޓްސްގެ އިތުރު ފްލައިޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ޔޫއޭއީގެ ދުބާއީ އެއާޕޯޓާއި ޝާރްޖާ އެއާޕޯޓުގައި މިހާރު ވަނީ ވަރަށް ކުޑަ ކޮރިޑޯއެއްގެ ތެރެއިން ފްލައިޓް އޮޕަރޭޝަންތައް ހިންގަން ފަށާފައެވެ. މީގެ އިތުރުން އޮމާންގެ މަސްކެޓް އެއާޕޯޓަށް ވެސް ހާއްސަ ދަތުރުތަކާ އެކު ބައެއް ޝެޑިއުލް ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައެވެ.
ނަމަވެސް، ރާއްޖެއަށް އެންމެ ގިނައިން ޑައިރެކްޓް ފްލައިޓްތައް އޮޕަރޭޓްކުރާ އެއް އެއާޕޯޓް ކަމަށްވާ ގަތަރުގެ ދޯހާ އިންޓަނޭޝަނަލް އެއާޕޯޓް އަދިވެސް އޮތީ ބަންދުކޮށްފައެވެ. “އެންމެ ބޮޑަށް މިވަގުތު އަޅުގަނޑުމެން ވިސްނާލަން ޖެހޭ އެއްޗަކީ ދޯހާ އިންޓަނޭޝަނަލް އެއާޕޯޓް… އެ އެއާޕޯޓް އަދިވެސް އޮތީ ބަންދުކޮށްފައި،” މިނިސްޓަރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އީރާންގެ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ހަމަލާ ދީފައެވެ.
މި ހަމަލާތަކާ ގުޅިގެން ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކެއްގެ ފްލައިޓްތައް ކެންސަލްވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ނުފުރި ތާށިވެފައެވެ. އެމިރޭޓްސްއަކީ ރާއްޖެއާއި ދުބާއީއާ ދެމެދު އެންމެ ގިނައިން ދަތުރުކުރާ އެއް އެއާލައިނެވެ.

