ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަނއ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފާއިތުވި އަހަރު މުޅިން އަލަށް 363 ބޭހެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރަޖިސްޓްރީކޮށްފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެފްޑީއޭއިން ބުނީ، 2025 ވަނަ އަހަރު ބޭސް ލިބޭ މިންވަރު އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ނިމުނު އަހަރު ޖުމްލަ 594 ބޭހެއް ރަޖިސްޓްރީކުރުމަށް ހުށަހެޅުނުއިރު، އޭގެ ތެރެއިން 363 ބޭހެއް ވަނީ ރާއްޖޭގައި ހުއްދަކުރާ ބޭހުގެ ލިސްޓުގައި އަލަށް ހިމަނާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭސް ލިބޭނެ އިންތިޒާމުތަކާ ގުޅޭގޮތުން އެމްއެފްޑީއޭއިން ބުނީ، މިހާތަނަށް އެ އިދާރާގެ ހުއްދައާއެކު ޖުމްލަ 445 ބޭސްފިހާރަ ހިންގަމުންދާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގައި ހިންގާ 270 ފާމަސީއާއި މާލެ ސަރަހައްދުގައި ހިންގާ 175 ފާމަސީއެވެ. ފާއިތުވި އަހަރު އެކި މައްސަލަތަކާ ގުޅިގެން 33 ބޭސްފިހާރައެއްގެ ހުއްދަ ބާތިލުކުރިއިރު، އަލަށް 20 ބޭސްފިހާރައަކަށް ވަނީ ހުއްދަ ދީފައެވެ.
މީގެ އިތުރުން، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ މިހާރު ޖުމްލަ 63 ފަރާތަކަށް ދީފައިވާކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. މީގެ ތެރެއިން 15 ފަރާތަކީ 2025 ވަނަ އަހަރު އަލަށް ހުއްދަ ދޫކުރެވުނު ފަރާތްތަކެވެ.
މިއަދުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމު ވިދާޅުވީ، ބޭސް ލިބުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ “ބޭހުގެ ކޮލިޓީ ކަށަވަރުކުރުމާއެކު ވީހާވެސް އަގުހެޔޮކޮށް ބޭސް ލިބޭނެ ގޮތްތައް ހޯދުމަކީ މި ސަރުކާރުން ގެންގުޅޭ ވިސްނުން” ކަމަށެވެ.
މި މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބާޒާރުގައި ބޭހުގެ ދަތިކަން ކުޑަވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭސް ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ

