ޤަބުރުގައި ކޮންމެ މީހަކުވެސް ފިއްތާލެވޭނެކަމަށް އޮންނަ ޙަދީޘްއަކީ ޞައްހަ ޙަދީޘްއެކެވެ. އެއްވެސް މީހަކު އެކަމުން ސަލާމަތްވެވޭނެނަމަ ސައުދު ބިން މުއާޒް رضي الله عنه ސަލާމަތްވެ ވަޑައިގަތީސްކަމަށް ހަދީޘްގައި އޮވެއެވެ. އެހެނީ އެކަލޭގެފާނު އަވަހާރަވުމާއެކު އަރްޝި ގުޑައިގެން ދިޔައެވެ. އަދި އުޑުތަކުގެ ދޮރުތައް ހުޅުވިގެން ދިޔައެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާގައި 70،000 މަލާއިކަތުން ބައިވެރިވެ ވަޑައިގަތެވެ.
ނަމަވެސް އެކަލޭގެފާނުވެސް ޤަބުރަށް ލެވުމާއެކު ފިއްތާލެވުނެވެ. ނަމަވެސް ފަހުން ދޫކޮށްލެވުނެވެ. ވީމާ، ކޮންމެ މީހަކުވެސް ޤަބުރުގައި ފިއްތާލެވޭނެއެވެ. ސަލާމަތްވުން އޮތީ އެމީހެއްގެ ޢަމަލުތަކުގެ މައްޗަށް ބިނާވެފައެވެ.
މިއިންވެސް އެނގިގެންދަނީ ދުނިޔޭގެ އިއްޒަތަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމެވެ.
(ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް)

