ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މައުރަޒު ކަމަށްވާ އައިޓީބީ ބާލިން އަންނަ އަހަރު ހޯސްޓުކުރާ ގައުމަކަށް ރާއްޖެ ހަމަޖައްސައި، އެކަމުގެ ރަސްމީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އައިޓީބީ ބާލިންގައި ހުންނަ ރާއްޖޭގެ ސްޓޭންޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި މުހިންމު އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އެވެ. އަދި މެސޭ ބާލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މާރިއޯ ޓާބިއަސް އެވެ. މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ލިބުނު ބޮޑު ފުރުސަތެކެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ޝިއުރީ ވިދާޅުވީ، މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޭއްވޭ އެންމެ ބޮޑު އެއް ފެއަރ ހޯސްޓުކުރާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖެހުނީ އެހެން ގައުމުތަކާ ވާދަކޮށްގެން ކަމަށެވެ.
“މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އައިޓީބީ ބާލިންގެ ހޯސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ހަމަޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މައުރަޒަށް ޒިޔާރަތްކުރާ އެތައް ހާސް ފަރާތްތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓި، ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް،” ޝިއުރީ ވިދާޅުވިއެވެ.
ޝިއުރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ މުއްސަނދިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަން ފުރުސަތެކެވެ. މިކަމުގެ ސަބަބުން ޖަރުމަނު މާކެޓުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހޯސްޓް ކަންޓްރީގެ ހައިސިއްޔަތުން، މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތާއި، މައުރަޒުގެ ތެރޭގައި ބާއްވާ އެކި ހަރަކާތްތަކުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދެވޭނެއެވެ. އައިޓީބީ ބާލިންގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި ތައްޔާރީތައް ވާނެ ކަމަށާއި، މިއީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލްގެ ގޮތުގައި ދެމިއޮތުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ޝިއުރީ ވިދާޅުވިއެވެ.
މީގެ ކުރިން 2016 ވަނަ އަހަރުވެސް ރާއްޖެއިން ވަނީ އައިޓީބީ ބާލިން ހޯސްޓުކޮށްފައެވެ. އެއަހަރު ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް ބޭއްވި އެންމެ ކުލަގަދަ ރަސްމިއްޔާތު ކަމަށް މެސޭ ބާލިންއާ ހަވާލާދީ ޝިއުރީ ފާހަގަކުރެއްވިއެވެ. އަންނަ އަހަރުގެ މައުރަޒަށްވެސް އެފަދަ ފުރިހަމަ ތައްޔާރީތަކެއް ވުމަށް ވަނީ އަމާޒު ހިފާފައެވެ.

