ހއ. ވަށަފަރުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި އެ އަތޮޅު “ކަނޑާލިފިނޮޅު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިގޮތަށް ކަނޑައެޅުއްވުމާ ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ޖަދުވަލުގައި ހިމެނޭ ލިސްޓު މިހާރު ވަނީ އަދާހަމަކޮށްފައެވެ. މި ބަދަލު ހިމެނޭ ގޮތަށް އެކުލަވައިލި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފައެވެ.
މި ނިންމެވުމަކީ ވަށަފަރުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ވެފައިވާއިރު، “ކަނޑާލިފިނޮޅު” އެ ރަށުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ އެރަށު ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މި ނިންމެވުމާއެކު ވަށަފަރުގެ އިޚްތިޞާޞް ފުޅާވެ، އެރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ މަންފާއަށް ކަނޑާލިފިނޮޅު ބޭނުންކުރުމުގެ ފުރުސަތު އެރަށު ކައުންސިލަށާއި ރައްޔިތުންނަށް ފަހިވެގެންދާނެއެވެ.

