ދިވެހި ބިރުވެރި ފިލްމު “ޕަރީ” ގެ ދެވަނަ ބައި ނުވަތަ ޗެޕްޓާރް 2 ބަލަން ކެތްމަދުވެފައިވާ ފަރާތްތަކަށް އެ ފިލްމުގެ ޓީމުން އުފާވެރި ޚަބަރެއް ދީފިއެވެ. ފިލްމުގެ މަސައްކަތްތައް ކުރިއަށްދާކަން ހާމަކުރަމުން، ޕަރީގެ ޓީމުން މިވަނީ ދާދި ފަހުން އެ ފިލްމުގެ ޗެޕްޓާރް 2 ގެ ރަސްމީ ޕޯސްޓަރު ކުޅުދުއްފުށީގައި ރިލީޒް ކޮށްފައެވެ.
މި ފިލްމާ ގުޅޭގޮތުން “ސީއެންއެމް” އަށް މައުލޫމާތު ދެއްވަމުން ޕަރީގެ އެއް ޕްރޮޑިއުސަރު އަލީ ސީޒަން ވިދާޅުވީ، ޕަރީގެ ފުރަތަމަ ބަޔަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ދެވަނަ ބަޔަށް ވެސް ހަމަ އެފަދަ ބޮޑު ސަޕޯޓެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަލަށް ނެރުނު ޕޯސްޓަރަށް ބަލާއިރު ބެލުންތެރިންގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، މި ސުވާލުތަކުގެ ޖަވާބު ލިބޭނީ ފިލްމު ރިލީޒްކުރުމުންނެވެ. ޕަރީ ޗެޕްޓާރް 2 ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ. ސީޒަން ވިދާޅުވި ގޮތުގައި މި ބައިގައި ވަރަށް ބޮޑު ތަފާތުތަކެއް ފެންނާނެ ކަމަށާއި، ހީނުކުރާ ފަދަ އެތައް ޓްވިސްޓްތަކެއް ފިލްމުގައި ހިމެނޭނެއެވެ.
އަހުމަދު އަހުސަން އާއި އަލީ ސީޒަން ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ހިމެނެއެވެ. ޚާއްސަކޮށް ފުރަތަމަ ބައިގައި ޕަރީގެ ރޯލުން ފެނިގެންދިޔަ އައިޝަތު ލަމްސާ ލަތީފްގެ މޮޅު އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
ކުޑަކުޑަ ލަމްސާގެ ހުނަރުވެރިކަމަށް ބެލުންތެރިން އާސޯހުވެފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕަރީ އަކީ ދިވެހި ބިރުވެރި ފިލްމު އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނައި ފިލްމެކެވެ. ބައެއް ފަރާތްތަކުން މި ފިލްމަކީ ހޮލީވުޑް އަދި ބޮލީވުޑްގެ ފިލްމުތަކާ އެއް ފަންތިއެއްގައި ފައިވިއްދާލެވޭނެ ފެންވަރުގެ އުފެއްދުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

