ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ދެއްވި ރޯދަވީއްލުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި މި ރޯދަވީއްލުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސައުދީ ސަފީރު ދެއްވި ރޯދަ ވީއްލުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވާއިރު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މިދިޔަ ހަފްތާގައި ޚާއްޞަ ރޯދަވީއްލުމެއް ދެއްވާފައެވެ.
ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮންމެ އަހަރަކު ދެއްވާ ރޯދަ ވީއްލުމަކީ ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދޭދޭ ގުޅުންތައް ފުޅާކުރުމަށް ބާއްވާ ހަރަކާތެކެވެ. މީގެ އިތުރުން މިއީ ސަގާފީ އަދި ދީނީ ކަންކަމުގެ ތެރެއިން ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ މުހިންމު ހަރަކާތެއްކަން ފާހަގަކުރެވެއެވެ.

