މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދިހައެއްގައި މާލޭ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމު ނަމާދު ކުރާނެކަމަށާއި، އަދި 25 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ ފަހު 10 އެއްގައި ދަމުނަމާދާއި އިއުތިކާފަށް ތިބޭ މިސްކިތްތައް ކަނޑައަޅާ އެ އިންތިޒާމް އެ ވުޒާރާއިން އަންނަނީ ހަމަޖައްސަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ 35 މިސްކިތުގެ ތެރޭގައި ހިމެނެނީ މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތެކެވެ. މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 6 މިސްކިތެއްގައާއި ދެވަނަ ފިޔަވަހީގެ 5 މިސްކިތެއްގައިވެސް ދަމުނަމާދު ކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
އިޢުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ 25 މިސްކިތުގެ ތަފްސީލަށް ބަލާއިރު، މާލޭގެ 16 މިސްކިތެއްގައި އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ވިލިމާލޭގެ މަސްޖިދުލްބިއްރީގައާއި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 5 މިސްކިތެއްގެ އިތުރުން ދެވަނަ ފިޔަވަހީގެ 3 މިސްކިތެއްގައިވެސް އިޢުތިކާފަށް ތިބެވޭނެ އިންތިޒާމް ވަނީ ފުރިހަމަކޮށްފައެވެ.
އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 02:00 އިން ފެށިގެންނެވެ. ރަމަޟާން މަހުގެ ފަހު 10 އެއްގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ވަރަށް ފުޅާދާއިރާއެއްގައި ދަމުނަމާދުކޮށް އުޅެއެވެ.
ދަމުނަމާދަކީ އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ކުރާ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. މިއީ ހަމައެކަނި ރަމަޟާންމަހު ކުރާ ނަމާދެއް ނޫން ނަމަވެސް، ރަމަޟާން މަހަކީ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރު މައްސަރަކަށް ވުމާއެކު، މި މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރުމަށް މުސްލިމުން ދޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

