ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދުރި ލިބިގަތުމަށް، ގަދައަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
ލައިލަތުލްޤަދުރިއަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތް ﷲއަށް އަޅުކަން ކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެއް ކަން ހަނދުމަކޮށްދެމުން މިއަދުގެ ހުތުބާގައި އެރޭގެ މި ދަރުމައާއި ސަވާބު ޙާޞިލުވޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ވަނީ ނަސޭޙަތްތެރިވެފައެވެ.
މިއަދުގެ ހުތުބާގައި ވަނީ މާތް ﷲއަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކޮށް، އެކަލާނގެއާ ބައްދަލުވުމަށް ތައްޔާރުވުމަށް ލިބިފައިވާ ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރި ވެފައިވެއެވެ.
ﷲ ވަޙީކުރައްވައިފައި ވެއެވެ. “އެ ދުވަހަކީ، މުދަލެއް ވިޔަސް، އަދި ދަރީންނެއް ވިޔަސް، މަންފާއެއް ނުކުރާނޭ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ حضرةއަށް އައި މީހަކަށް މެނުވީއެވެ.”
ރަޙުމަތުގެ މައްސަރު އަހަރެމެންނާ ވަކިވުމުގެ ވަގުތު ކުޑަތަންވަނީކަން ހަނދުމަ ކޮށްދެމުން، ހުތުބާގައި ވަނީ ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބެލުމަށް ބުނެފައެވެ. ހުތުބާގައި ބުނީ އަހަރެމެން މުސްލިމުންނާ މި ބައްދަލުކުރަނީ މި ބަރަކާތްތެރި މައްސަރުގެ ފަހު ދިހައިގެ ދުވަސްތައް ކަމަށާއި އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް ﷲ تعالى ޚާއްޞަކުރައްވާފައިވާ ކަމަށެވެ.
އެ ގޮތުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ހެޔޮ ކަމާއި މާތްކަމުގެ ގޮތުން އެންމެ މާތް ދިހަ ދުވަސް ކަމަށާއި އެންމެ ހެޔޮ ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައްކަމުގައި ލައްވާފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން ބޮޑު ލައިލަތުލްޤަދުރި ލެއްވިއެވެ. އެ ރޭ ކީރިތި ޤުރްއާން ބާވައިލެއްވިކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ލޮބުވެތި ރަސޫލާ ﷺ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ﷲގެ حضرةއަށް ކުއްތަންވެވަޑައިގެން އަޅުކަންކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގަތްކަން ހަނދުމަކޮށްދެމުން ހުތުބާގައި أمّ المؤمنين عائشة رضي ﷲ عنهاގެ އަރިހުން ރިވާވެގެންވާ ހަދީސެއް ގެނެސްދިނެވެ. އެހަދީސްގެ މާނައީ؛ “ކީރިތި ރަސޫލާ ﷺ އަޅުކަންކުރެއްވުމުގައި، އެ ނޫން ރޭތަކަށް ވުރެ ބޮޑަށް ފަހު ދިހައިގައި އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތްޕުޅުކުރައްވައެވެ.”
ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮ ކަން ތިމާގެ އަހުލުންނަށް އެދުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއްކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
“ލައިލަތުލްޤަދުރި ވިލޭރެއަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރާއި ހަތަރު މަސްދުވަހުގެ އަޅުކަމުގެ ސަވާބު އެންމެ ރެއަކުން ލިބިދޭ މުޤައްދަސް ރެއެކެވެ. އެ ރޭ ފަތިސްވަންދެން މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. އެހެންކަމުން، ސުވަރުގެ އެދޭ ކޮންމެ މީހަކު މި މަތިވެރި ދަރުމަ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.” ހުތުބާ
ރަމަޟާންމަހުގެ ފަހު ދިހައަކީ އަޅުކަމުގައި ހީވާގިވާންޖެހޭ މާތް ދުވަސްތަކެއް ކަމަށާއި ކީރިތި ރަސޫލާ ﷺ ރަމަޟާންމަހުގެ ފަހު ދިހަ އައުމުން ރޭގަނޑުގެ ވަގުތުތައް އަޅުކަމުގައި އިޙުޔާކުރައްވައި، އެކަލޭގެފާނުގެ އަހުލުވެރިން އަޅުކަމަށް ހޭލައްވައި، އަޅުކަންކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގަންނަވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ރަމަޟާންމަހު އީމާންކަމާ އެކު ސަވާބަށް އެދި ރޭއަޅުކަންކުރާ މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނު ވަނީ ދެއްވައިފައިކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ފަހު ދިހައިގެ ރޭތަކަކީ މާތް ﷲގެ ރަޙުމަތާއި، ފުއްސެވުމާއި، ނަރަކައިން މިންޖުކުރެއްވުން އޭގެ އިންތިހާއަށް ދެއްވާ ރޭތަކެެއްކަމަށާއި މި ރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނޭ ކަމަށެވެ. އަދި އެ ރޭގެ ހެޔޮކަން ލިބިގަތުމަށްޓަކައި ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމަށް ނަބަވީ އިރުޝާދުގައިވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
މިއަދުގެ ހުތުބާވެސް ނިންމާލީ ރަސޫލާއަށް ސޮލަވާތް ކިޔެވުމަށް ހަނދުމަކޮށްދީ ނަސޭޙަތްތެރިވުމާއެކު އެކަލޭގެފާނަށް ސޮލަވާތް ކިޔެވުމުންނެވެ.

