ފ. މަގޫދޫގައި ތަރައްޤީކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، 57 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. 2022 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ ރަށުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށްގެންދާ 231 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ، މިވަގުތު އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށްދަނީ ބިން ހިއްކާ ސަރަޙައްދުގައި ނުނިމި ހުރި ވެލި އެޅުމުގެ މަސައްކަތްތަކެވެ. އަދި ބިން ހިއްކާ ނިމިފައިވާ ސަރަޙައްދުތައް ޙިމާޔަތްކުރުމަށްޓަކައި ބޮޑުހިލަ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އެއާޕޯޓުގެ ޢިމާރާތްތަކުގެ މަސައްކަތަށް ބަލާއިރު، ޓާމިނަލްގެ މައި ސްޓްރަކްޗަރގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އެތެރޭގެ މުށިޖެހުމުގެ މަސައްކަތެވެ. ޖުމްލަ ގޮތެއްގައި ޓާމިނަލްގެ 48 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ފަޔަރ ބިލްޑިންގްގެ 67 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ. މި ހުރިހާ ޢިމާރާތްތަކެއްގެވެސް މިހާރު ބާކީ ހުރީ އެތެރޭގެ ފިނިޝިންގް މަސައްކަތްތަކެވެ.
މަގޫދޫ އެއާޕޯޓުގައި ތަރައްޤީކުރާ 1,500 މީޓަރުގެ ރަންވޭގެ 58 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީސީސީން ބުނިގޮތުގައި ރަންވޭގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢަކީ ގާތްގަނޑަކަށް 1,000 މީހުންގެ އާބާދީއެއް އޮންނަ މަގޫދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްވާތީ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެންބަރު މަހު ވިދާޅުވެފައިވަނީ، އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅި ނަމަވެސް މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

