މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 ފަރާތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު ބޭންކާއި ވުޒާރާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، މިއަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދޫކުރަން ފެށި ލޯނުތަކެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދައި، އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭ އެއްފަދައިން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތަކާއި ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިންނަކީ މީގެކުރިން އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނެސް، އިޤްތިޞާދީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއާއި ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނީ، 1 މެއި 2025 އިން ފެށިގެންނެވެ.
މަސްވެރިންނަށް މި ޚިދުމަތްތަކަށް އެދި ހުށަހެޅޭނީ ބީއެމްއެލްގެ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މި ޕޯޓަލް މެދުވެރިކޮށް ގެދޮރު ގަތުމާއި އިމާރާތްކުރުން، މަތީ ތަޢުލީމް، އުޅަނދު ބަނުމާއި މަރާމާތުކުރުން، އަދި ގެސްޓްހައުސް ވިޔަފާރި ފަދަ ކަންކަމަށް ފައިނޭންސިންގއަށް އެދުމުގެ ފުރުޞަތު އޮވެއެވެ.
މީގެ އިތުރުން، ޝަރުތު ހަމަވާ މަސްވެރިންނަށް އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ އިކުއިޓީއަކާ ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ މަސްވެރިންގެ މާލީ ބޭނުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
މަސްވެރިންނަށް ލޯނު އަނބުރާ ދެއްކުމުގައިވެސް ބޭންކުން ވަނީ ލުއިގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއި އާމްދަނީއަށް ރިއާޔަތްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، އެ ސިނާޢަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.

