މާތް ﷲގެ ދަރުބާރަށް ހާޒިރުކުރާ ދުވަހަށް ތައްޔާރުވުމަށްޓަކައި، އެކަލާނގެ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާންޖެހޭ ކަމަށް އައްޝައިޚް އަޙްމަދު މައުމޫން ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ ކ. ހުރާގައި ބޭއްވި އިޙްޔާ ފޯރަމްގައި “އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކާއިމެދު ސުވާލުވެވޭނެ” މި މައުޟޫއަށް ތަޤުރީރު ކުރައްވަމުންނެވެ.
ޝައިޚް މައުމޫން ވިދާޅުވީ، އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރި ނުވާނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ މާތް ﷲ އެ ނިޢުމަތްތައް އަނބުރާ ގެންދެވުން ކަމަށެވެ. އަދި ނިޢުމަތްތަކަށް ޝުކުރުވެރި ނުވުމަކީ މާތް ﷲގެ ގަދަފަދަ އަޒާބުވެސް ލިބޭނެ ކަމެއްކަން ޝައިޚް ފާހަގަކުރެއްވިއެވެ. މާތް ﷲ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އިންސާނުންނަށް ފަސޭހަ ކޮށްދެއްވައި، ގިނަގުނަ ނިޢުމަތްތައް ދެއްވާފައިވާ ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
އިންސާނުން އެންމެ ބޮޑަށް އިޙުމާލުވާ ދެ ނިޢުމަތެއްގެ ގޮތުގައި ޝައިޚް ފާހަގަކުރެއްވީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ.
“އިންސާނުން ދެ ނިޢުމަތަކާއި މެދު އަޅާލުން ކުޑަ ކޮށްލާފައިވޭ. ފުރިހަމަ ސިއްޙަތަކީ ކިހާބޮޑު ނިޢުމަތެއްކަން އެނގޭނީ ބަލިވުމުން. ޒުވާނުންނާއި ކުޑަކުދިން މި ދެ ނިޢުމަތަށް ސަމާލުވުމަށް ޢިލްތިމާސްކުރަން،” ޝައިޚް ވިދާޅުވިއެވެ.
މީގެއިތުރުން، މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމާއި، ބަލިވުމުގެ ކުރިން ސިއްޙަތުގެ ފައިދާ ހިފުމަށް އަދި ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަން ޝައިޚް ހަނދާންކޮށްދެއްވިއެވެ. އަދި އެއްވެސް ކަމެއްގައި އިސްރާފު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ދަރުސް ނިންމަވާލައްވަމުން ޝައިޚް ވަނީ ދުލުން ބޭރުކުރެވޭ ބަސްތަކާމެދު ވިސްނުމަށް ނަސޭހަތްތެރިވެފައެވެ. ބަހެއް ބޭރުވުމަށްފަހު އެއީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވައި، ސަމާސާއަކަށް ނުވަތަ މަޖަލަކަށް ބުނި ވާހަކައެކޭ ބުނެގެން ﷲގެ ދަރުބާރުގައި ސަލާމަތް ނުވެވޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ. އެހެންކަމުން، އެކަލާނގެ ދަރުބާރަށް ހާޒިރުކުރާ ދުވަހަށް ތައްޔާރުވުމަށްޓަކައި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ޝައިޚް އިލްތިމާސް ކުރެއްވިއެވެ.

