މާލޭގެ ބަންޑާރަ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި ޒަމާނީ މިސްކިތެއް އެޅުމާ ގުޅޭގޮތުން ގޮތް ނިންމާނީ ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ފަހުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ބަންޑާރަ މިސްކިތް ތަޅާލުމަށްފަހު އައު މިސްކިތެއް އެޅުމަށް ނިންމާފައިވާކަން އިއުލާން ކުރުމާ ގުޅިގެން، އެއީ އާސާރީ ތަނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމަނާފައިވާ ތަނެއް ނޫން ކަމަށާއި، އެތަނުގައި ބޮޑު މިސްކިތެއް އިމާރާތް ކުރަން ގަސްތުކުރީ އެ ސަބަބަށްޓަކައި ކަމަށެވެ.
މިނިސްޓަރު ޝަހީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން.” ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ ޚިޔާލަށް އިސްކަން ދެއްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މާލޭ ބަންޑާރަ މިސްކިތާއި، ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ ކަމަށް ވަޒީރު ޝަހީމް އިއުލާން ކުރެއްވީ އިއްޔެއެވެ. އެގޮތުން ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުތަކަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތްތަކާއެކު މާލޭގެ ބޮޑެތި ހުރިހައި މިސްކިތްތަކެއް އާވެގެންދާނެ ކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

