ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި އިންޑިއާގެ ތުރިވަނަންތަޕޫރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މޯލްޑިވިއަންއިން ދަތުރުކުރާ ދިވެހިންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކޮށްދީ، އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމެވެ.
އިންޑިއާއަކީ ދިވެހިން ބޮޑެތި ބަލިތަކަށް ޚާއްސަ ފަރުވާ ހޯދުމަށް އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމަށް ވާއިރު، ތުރިވަނަންތަޕޫރަމަކީ ރާއްޖެއާއި ކައިރިވުމާއި، އެތަނުގެ ކުރިއަރާފައިވާ ޞިއްޙީ ވަސީލަތްތަކުގެ ސަބަބުން ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަން އިން ތުރިވަނަންތަޕޫރަމަށް ދަތުރުކުރާ ފަސިންޖަރުންނަށް ޚާއްސަ އެހީތެރިކަމާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލުން ގިނަ އިނާޔަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި:
- އެޑްމިޓްކޮށްގެންދޭ ފަރުވާ (IP) އަދި އެޑްމިޓްނުކޮށްދޭ ފަރުވާ (OP) ތަކުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބުން.
- ހެލްތު ޗެކަޕް ޕެކޭޖްތަކުން %15 ގެ ޑިސްކައުންޓް.
- ލެބޯޓަރީ ޓެސްޓްތަކާއި ރޭޑިއޮލޮޖީގެ ޚިދުމަތްތަކުން %10 ގެ ޑިސްކައުންޓް.
- ތުރިވަނަންތަޕޫރަމް އިންޓަރނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް ދިއުމަށް ހިލޭ އެމްބިއުލާންސްގެ ޚިދުމަތް.
މޯލްޑިވިއަންއިން ވިދާޅުވީ ބަލިމީހުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި ބަލިމީހުންނަށް ބޭނުންވާ އިތުރު ކަންކަމުގައި އެހީތެރިވުމަށް ހޮސްޕިޓަލުގައި ޚާއްސަ ކަސްޓަމާ ކެއާ ޑެސްކެއް ގާއިމުކުރެވޭނެކަމަށެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ޑޮކްޓަރާ މުޢާމަލާތުކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތަރުޖަމާނެއްގެ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.
މޯލްޑިވިއަން މެދުވެރިކޮށް ތުރިވަނަންތަޕޫރަމަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށްވެސް މި ޚިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ފަސިންޖަރުންގެ ދުޅަހެޔޮކަމާއި ބޭނުންތަކަށް އިސްކަންދީގެން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކެއް ކަމުގައި ދެ ފަރާތުންވެސް ފާހަގަކުރެއެވެ

