ނ. ފޮއްދޫގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ ފައުންޑޭޝަނަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ކޮންކްރީޓް ކާސްޓިން މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މިއީ އެ ރަށުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ފޮއްދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އަމަލީގޮތުން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފޮއްދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 26.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމުމަށެވެ.
އާ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން، ފޮއްދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

