މާތްﷲ ރޯދަވެރިޔާއަށް މިފަދަ މަތިވެރި ސަވާބެއް ދެއްވަނީ ކީއްވެގެންތޯއެވެ. މިކަން ބަޔާންކުރައްވަމުން ޤުދްސިއްޔަ ޙަދީޘެއްގައި ވަޙީކުރައްވަނީ “يَدَعُ طَعَامَهُ وَشَرَابَهُ مِنْ أَجْلِي ( رواه أحمد والبيهقى) އޭނާ ތިމަން ރަސްކަލާނގެ ވަޖްހުފުޅަށްޓަކައި (އެބަހީ ތިމަންރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމަށްޓަކައި) ކެއުންބުއިން ދޫކޮށްލައެވެ.”
ރޯދައަކީ އެކަމުގެ ޙަޤީޤަތް ރޯދަވެރިޔާއަށާއި އޭނާގެ ވެރި ރަސްކަލާނގެއަށް މެނުވީ އެނގޭނެ އެއްޗެއްނޫނެވެ. އެކަމުގައި އެއްވެސް ކަންދެއްކުމެއްނެތެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ “الصيامُ لارِياءَ فيه- ( رواه البيهقى) ރޯދައިގައި އެއްވެސް ކަންދެއްކުމެއް ނެތެވެ.” އެހެން ހުރިހާ އަޅުކަމެއްވެސް އަދާކުރަމުންދާއިރު އެކަންތައް އެހެންމީހުންނަށް ފެންނާނެއެވެ. ނަމާދުކުރާނަމަ އެކުރާނަމާދެއް އެހެން މީހުންނަށް ފެނުމަކީ ވަރަށް ގާތްކަމެކެވެ. ޒަކާތްދޭއިިރު އެދޭއެއްޗެއް ދެވެނީ މީހުންނަށް ފެނިގެންނެވެ. ސީދާ މީހަކަށް ދިނަސް ނުވަތަ ކަމާބެހޭއޮފީސް މެދުވެރިކޮށް ދިނަސް އެކަން ފެންނާނެ ބަޔަކު ތިބޭނެއެވެ. ހަމަ މިމޭރުމުން ޙައްޖާއި ޢުމްރާގެ އަޅުކަންތައްވެސް އަދާކުރެވެނީ އެތައްބައެއްގެ ކުރިމަތީގައި، އެތައްބަޔަކާ އެކުގައެވެ.
މިއާ ޚިލާފަށް ރޯދައަކީ ކަމެއްނުކޮށްހުރުން ކަމަށްވާތީ އެއްވެސް މީހަކަށް މިތަނެއް ނުފެންނާނެއެވެ. ކައިބޮއި ހަދައިގެންހުރެ ތިމަން މިހުރީ ރޯދައަށޭ ބުނެ، މީހުންނަށް އޮޅުވައި ލެވިދާނެއެވެ. ރޯދަ ﷲގެ މާތްޛާތުފުޅަށް ނިސްބަތްކުރައްވަނީ މިހެންވެގެންނެވެ.
މާތްﷲ އަށް އަދާކުރެވޭ ކޮންމެ ހެޔޮކަމެއްގެ ސަވާބު އެކަލާނގެ އިތުރުކުރައްވަނީ ދިހަގުނައަށެވެ. މިހެންގޮސް ހަތްސަތޭކައާ ހަމައަށް އެޢަމަލެއްގެ ސަވާބު އިތުރުކޮށްދެއްވައެވެ. ނަމަވެސް ރޯދައިގެ ސަވާބު އިތުރުކުރައްވާ މިންވަރެއް ނޭގެއެވެ. އެކަމުގައި އިޚްލާޞްތެރިކަން ބޮޑުވިވަރަކަށް އެކަމުގެ ސަވާބު އިތުރުކޮށްދެއްވާނެއެވެ.
އެހެނީ، ރޯދައަކީ ކެތްތެރިވުން އެކަމުގައި ހިމެނޭ އަޅުކަމެކެވެ. ކެތްތެރިކަމެއް ނެތި ރޯދައެއް ނުހިފޭނެއެވެ. އެއީ ރޯދަހިފާއިރު ހަށިގަނޑަށް އުފުއްލަންޖެހޭ ބުރަތަކެއް ވާތީއެވެ. ބަނޑުހައި ހޫނުކަމާއި ކަރުހިއްކުމުގެ ބުރަތައް ފަދަ ބުރަތަކެވެ. ކެތްތެރީންނަށް ސަވާބުދެއްވާގޮތާ ބެހޭގޮތުން މާތްﷲ ވަޙީކުރައްވަނީ “إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ-(الزمر: ١٠) ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތިއެވެ.” ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކެތްތެރީންގެ މުރާދަކީ ރޯދަވެރިންނެވެ.
ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މިމަތިވެރި ސަވާބު ޙައްޤުވެގެންވާ ރޯދައަކީ މާތްﷲގެ ވަޖްހުފުޅު އަދައި ހިފާ ރޯދައެވެ. އުރެދުންތަކާ ނުލައި ހިފާ ރޯދައެވެ.
މިއިން އެނގެނީ ރޯދަވެރިންނަށް މާތްﷲ ދެއްވާ ސަވާބު ތަފާތުވާނެކަމެވެ. މި ސަވާބުގެ މިންވަރު އޮންނާނީ ރޯދަވެރިއާ ﷲއަށް ކިޔަމަންގަންގޮތެއްގެ މަތީގައެވެ. ﷲއަށް ކިޔަމަންގަތުން އިތުރުވި ވަރަކަށް، ﷲއަށް އިޚްލާޞްތެރިވުން ބޮޑުވި ވަރަކަށް ސަވާބުވެސް އިތުރުވެގެންދާނެއެވެ. ތިމާ ހިފާރޯދަ ފުރިހަމަވި ވަރަކަށް ރޯދައިގެ ސަވާބު ބޮޑުވެގެންދާނެއެވެ.
(“ލިޔުންތެރިކަމުގެ ގުޅުން” އިން ލިޔުމެއްގެ ނަކަލެއް، އެއްވެސް އުނިއިތުރެއް ގެނެސްފައިނުވާނެ،)

