އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާއަކަށް 3.53 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. މި ގޮތަށް ފާސްކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ އުރީދޫ ހެޑް އޮފީހުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
މި ޖަލްސާގައި އުރީދޫގެ ޖުމުލަ 353 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޖަލްސާއަށް ހާޒިރުވި 144 ހިއްސާދާރުންނާއި، 209 ހިއްސާދާރުން ތަމްސީލުކުރި 27 ޕްރޮކްސީން ހިމެނެއެވެ. މިއީ އެ ކުންފުނީގެ ޖުމުލަ ހިއްސާގެ 98 އިންސައްތަ ކަމަށް އުރީދޫން ހާމަކުރެއެވެ. މިއަހަރުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ އޮފީހަށް ހާޒިރުވެގެންނާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށެވެ.
ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމުގެ އިތުރުން، މިދިޔަ އަހަރުގެ މާރިޗު 9 ވަނަ ދުވަހު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި، 2023 ވަނަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތަކާއި ޑިރެކްޓަރުންގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރުގެ ގޮތުގައި ކޭޕީއެމްޖީ އައްޔަންކުރުމަށް ވެސް ހިއްސާދާރުން ވަނީ ނިންމާފައެވެ.

