ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލުކުރެވޭނެ ބޮޑު މަޝްރޫއެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިރޭ ބޭއްވި "ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓުގެ މައްސަލަ ކަމަށާއި، މިއީ އެތައް ދައުރެއް ފާއިތުވެ ދިޔައިރުވެސް ހައްލުނުވެ އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަން ދެއްވި އެއް ކަމަކީ އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިއަދު ހަވީރު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އައްޑޫގައި 26 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކުރެވޭނެއެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެ މިކަމުގެ [މިއަދު ސޮއިކުރި އެއްބަސްވުމުގެ] ސަބަބުން" ކަމަށެވެ. މިއީ އައްޑޫގެ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ މިފަދަ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅާނެ ބަޔަކު އިންތިޚާބު ނުކުރުމަށް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ބޭނުން ހިފައިގެން މަޝްރޫއުތަކަށް ހުރަސްއެޅުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައި، އެފަދަ ފުރުސަތެއް ނުދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

