ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީއަށް ހާއްސަކޮށް އެކުލަވާލާފައިވާ “ދަ ގްރޭޓާ އައްޑޫ” މެނިފެސްޓޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ. މި މެނިފެސްޓޯގެ ދަށުން އައްޑޫ ސިޓީއަކީ ފުދުންތެރި، ބާރުވެރި އަދި ތަހުޒީބީ ސިޓީއަކަށް ހެދުމަށްޓަކައި އަބްދުﷲ އަފީފު ދީދީގެ ނަމުގައި ގައުމީ ފެންވަރުގެ އީޖާދީ މަރުކަޒެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ.
މި މެނިފެސްޓޯ ބިނާވެފައިވަނީ މައިގަނޑު ހަ އަސާސެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އައްޑޫގެ އަމިއްލަވަންތަކަން ހިމާޔަތްކުރުމާއި، ފަތުރުވެރިކަން ފުޅާކޮށް ފަންނީ ވަޒީފާތައް އިތުރުކުރުމުގެ އިތުރުން، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫއަކީ އިންޑިއާ ކަނޑުގެ ވިޔަފާރި އާއި ދަތުރުފަތުރުގެ މަރުކަޒަކަށް ހަދައި، ރަށުން ބޭރުގައި އުޅޭ އައްޑޫ ރައްޔިތުން އަނބުރާ ރަށަށް ގެނައުމަށް ބާރުއެޅުމަކީވެސް މި މެނިފެސްޓޯގެ މުހިންމު އަމާޒެކެވެ.
މި މަޝްރޫއުގެ ދަށުން “ސުވާދީބު ދާރުލްއާސާރު” އާއި “އަފީފް އީޖާދީ މަރުކަޒު” ގާއިމުކުރެވޭނީ އެއް ފުރާޅެއްގެ ދަށުގައެވެ. ދާރުލްއާސާރުގައި އައްޑޫގެ މުއްސަނދި ތާރީހާއި، ބަހުރުވަޔާއި، އިނގިރޭސިން ގަމުގައި އުޅުނު ދުވަސްވަރުގެ މައުލޫމާތުގެ އިތުރުން ސުވާދީބު ދައުލަތުގެ ތާރީހީ ލިޔެކިޔުންތައް ރައްކާކުރެވިގެންދާނެއެވެ.
އަފީފް އީޖާދީ މަރުކަޒުގެ މައިގަނޑު ބޭނުމަކީ ވިޔަފާރި އާއި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުމެވެ. މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ތައުލީމީ އަދި ސިއްހީ ދިރާސާތައް ކުރިއަށް ގެންދިއުމަށްވެސް މި މަރުކަޒުގެ ބޭނުން ހިފޭނެއެވެ.
މި މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، އިލްމުވެރިންނާއި، ފަންނީ މާހިރުންގެ އިތުރުން އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އައްޑޫގެ ފަހުރުވެރި މާޒީ އިއާދަކޮށް، ދުނިޔޭގެ ޗާޓުގައި އައްޑޫގެ ދައުރު އިތުރަށް ފުޅާކުރުމެވެ.

