ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުރިހާ ދިވެހި އަންހެނުންނަށް ތަހުނިޔާ ފޮނުއްވައި، މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރުކަން ހާމަކުރައްވައިފިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ނަތީޖާ ނެރެދީފައިވާ ކަމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތައް ބާރުވެރިކުރުވުމަށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކޮމިޓީތަކަށް ދޭ ބަޖެޓު ފަހެއް އިންސައްތައިން ދިހައެއް އިންސައްތައަށް އިތުރުކޮށްދެއްވުމާއި، ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް މިހާރު ބަދަލުކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އިޤްތިޞާދީ ގޮތުން ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރައްވައި، އަންހެނުންނަށް ޚާއްޞަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ރިޔާސީ ބަޔާނުގައިވާ ގޮތަށް އަންހެނުން ބާރުވެރިކުރުވުމުގެ ގިނަ ކަންތައްތަކެއް މިއަހަރު ތެރޭގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި 26 މެގަވޮޓުގެ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާކަން ރައީސް އިޢުލާނުކުރެއްވިއެވެ. “މި މަޝްރޫޢު އަންނަ އަހަރުގެ ޖުލައި މަހަށް ނިމުމުން، ކުރިއަށް އޮތް 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ،” ރައީސް ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް އައްޑޫ ސިޓީގައި މިހާރުވެސް 48 މަޝްރޫޢެއް ކުރިއަށްދާކަމާއި، މިއަހަރުގެ ބަޖެޓުގައި އަލަށް 18 މަޝްރޫޢެއް ހިމަނާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އައްޑޫގެ ހުރިހާ މަގެއް ހެދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ޤައުމުގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދަރަނިތައް ދެއްކުމާއި އިޤްތިޞާދު ވަރުގަދަކުރުމަށް ސަރުކާރުން ތަރުތީބުވެގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ މަހުގެ 8 ވަނަ ދުވަހު ސުކޫކު ދެއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށާއި، ދަރަނިތައް އަދާކުރަމުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

