ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމައި، ޕާޓީގެ މެންބަރުންގެ އަދަދު 100,000 އަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "ދަ ގްރޭޓަރ އައްޑޫ ވިޝަން" ގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2023 ވަނަ އަހަރު އެންމެ 3,000 މެންބަރުން ތިބި ޕީއެންސީގެ މެންބަރުންގެ އަދަދު މިއަދު 75,000 އަށް އިތުރުވެފައިވާ ކަމަށެވެ. މިއީ ޕާޓީގެ މެންބަރުން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން މިހާރު ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ ސިޔާސީ މަސައްކަތުގައި ކުރިއަށްދާން ބޭނުންވާ މެންބަރުންނަށް ލިބޭނެ ވަރަށް ފަހި ފުރުސަތެކެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު ކޮންގްރެސްގެ ކުރިން ޕާޓީއާ ގުޅުމަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފައެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާ ހުރެ ޕާޓީގެ މަސައްކަތްތަކާ ދުރުގައި ތިއްބެވި މެންބަރުންވެސް އައު ހިތްވަރަކާއެކު އަލުން މަސައްކަތަށް ނުކުތުމަށް ރައީސް އެދިވަޑައިގަތެވެ. ކޮންގްރެސްގައި މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމުގައި އަމަލުކުރާނީ ވަރަށް ދެފުށް ފެންނަ އުސޫލުތަކެއްގެ ދަށުން ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ގެންދިއުމަށް ހުރިހާ މެންބަރުންވެސް އަމާޒު ހިފުމަށް އިލްތިމާސް ކުރައްވަމުންނެވެ. މި އަމާޒަށް ވާސިލުވުމަކީ ޕާޓީ އިތުރަށް ވަރުގަދަވެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށް ބެލެވެއެވެ.

