އައްޑޫ ސިޓީގައި އިދިކޮޅު އެމްޑީޕީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންތަކެއް ވެރިކަން ކުރާ ޕީއެންސީއަށް ރޭ ސޮއިކުރައްވައިފިއެވެ. މި ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަތީ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.
މި ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވި ފޯމުތަކާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ “ދަ ގްރޭޓާ އައްޑޫ ވިޝަން” ގެ ތަފްސީލް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ޕީއެންސީއާ އަލަށް ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި އައްޑޫ ސިޓީގެ އެމްޑީޕީގެ ކުރީގެ ރައީސް އަހުމަދު އަދުހަމާއި، އެމްޑީޕީގެ ފޭދޫ ދާއިރާގެ ކުރީގެ ރައީސް އަބްދުالله ސައީދާއި، އެ ދާއިރާގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސައީދު (ދަގޭ) ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ފޭދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ ކައުންސިލަރު އަދި އެލްޖީއޭގެ ކުރީގެ މެންބަރު އަހްމަދު މިރުޒާލް ވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.
މީގެ އިތުރުން ސްރީލަންކާގައި އެމްޑީޕީން ހިންގި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ފާތިމަތު ޝިޔާމާ އާއި، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ތިންވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ހައްވާ ޒާހިރާ ވެސް ވަނީ ވެރިކަން ކުރާ ޕާޓީއާ ގުޅިވަޑައިގަންނަވާފައެވެ.
ރޭ ބޭއްވި މި ޖަލްސާގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އައްޑޫ ސިޓީއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ވަނީ ރަސްމީކޮށް ތައާރަފްކޮށްފައެވެ.

