މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ރާއްޖެއިން ފުރޭނެ ގޮތެއް ނެތި ތަށިވެފައި ތިބި ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) އިން އިސްނަގައިގެން ނުވަ ރިޕެޓްރިއޭޝަން ފްލައިޓެއް ބާއްވައިފިއެވެ.
ވިޒިޓް މޯލްޑިވްސް އިން ހާމަކުރި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ބުރޫއެރުންތަކާ ގުޅިގެން، ކަމާގުޅޭ ވުޒާރާތަކާއި ސިނާއަތުގެ ބައިވެރިންނާ ގުޅިގެން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދަތުރުތައް މެދުކެނޑުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހިމެނޭހެން ޖުމްލަ އަށް ރިޕެޓްރިއޭޝަން ފްލައިޓް ވަނީ ބާއްވާފައެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު އެއާޕޯޓުގައި ހާއްސަ "ހެލްޕް ޑެސްކް" އެއް ވަނީ ގާއިމްކޮށްފައެވެ. މި ޑެސްކު މެދުވެރިކޮށް ދަތުރުވެރިންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު އަދި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި، އިތުރު އެއާލައިންތަކާއެކު މަޝްވަރާކޮށް އިތުރު ފްލައިޓްތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. ހަމައެއާއެކު، ދަތުރުފަތުރަށް މާބޮޑު ބުރޫއެއް އަރާފައިނުވާ އިންޑިއާ، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް އަމާޒުކޮށްގެން ހާއްސަ ކެމްޕޭންތަކެއް ހިންގުމަށް ޓުއާ އޮޕަރޭޓަރުންނާއި އެޖެންޓުންނާ ގުޅިގެން މަސައްކަތް ވަނީ ފަށާފައެވެ.
މުސްތަގްބަލުގައި ދިމާވެދާނެ މިފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސް އިން ދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ "ކްރައިސިސް ރެސްޕޮންސް ސްޓްރެޓެޖީ" އެއް އެކުލަވާލަމުންނެވެ. މި މަސައްކަތުގެ ދަށުން ސިނާއަތުގެ ބައިވެރިންނާ ބައްދަލުކޮށް، ގޮންޖެހުންތަކުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ހުރިހާ ބައިވެރިންގެ އެއްބާރުލުމާއެކު، މިފަދަ ދަތި ވަގުތުތަކުގައިވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމެއްނެތި ކުރިއަށްގެންދިއުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއްވިއެވެ.

