ރާއްޖޭގެ ސިއްހީ ދާއިރާގައި އާ ކާމިޔާބީއެއް ހޯދައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް "ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީ"އެއް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މިއީ ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.
ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީއަކީ ހަށިގަނޑުގެ އެއްވެސް ތަނެއް ކަފާނުލާ، އަންހެނާގެ ކުރިމަތިފަރާތުން ކެމެރާއެއް ލައްވައިގެން ކުރިއަށްގެންދާ ޒަމާނީ އޮޕަރޭޝަނެކެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، މި ސާޖަރީ ކުރިއަށް ގެންދިޔައީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ތަލްހާ އެވެ.
މި އޮޕަރޭޝަން ކާމިޔާބުވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ހޮސްޕިޓަލުން ވަނީ ސިފަކޮށްފައެވެ. މި ކާމިޔާބީއާއެކު، ހިސްޓްރޮސްކޯޕީގެ އެހީގައި ދެވޭ ޒަމާނީ އެކި ފަރުވާތައް އެ ހޮސްޕިޓަލުން މިހާރު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ޕޮލިޕް ނެގުމާއި، ފައިބްރޮއިޑް ނެގުމާއި، ސެޕްޓަމް ނެގުމުގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދެނެގަތުން ހިމެނެއެވެ.

ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީ އުނގޫފާރު ހޮސްޕިޓަލުގައި ކޮށްފި— ފޮޓޯ: އުނގޫފާރު ހޮސްޕިޓަލް
އުނގޫފާރު ހޮސްޕިޓަލުން ބުނީ މި ހުރިހާ ޕްރޮސީޖާތަކަކީ ވެސް ބޭރުފުށުން އެއްވެސް ނިޝާނެއް ފެންނަން ނެތް ގޮތަށް، ނުހަނު ރައްކާތެރިކަމާއެކު ކުރެވޭ ކަންކަން ކަމަށެވެ. މީގެ ސަބަބުން ބަލިމީހާއަށް ބޮޑެތި ޒަހަމްތަކެއް ނުލިބި، އަވަސް ފަރުވާއެއް ލިބިގެންދާނެއެވެ.
މިފަދަ ޒަމާނީ ފަރުވާތަކުގެ ސަބަބުން ބަލިމީހުން އޮޕަރޭޝަނަށް ފަހު ރަނގަޅުވާ މުއްދަތު އަވަސްވެ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.
(ނޯޓް: ހިސްޓަރޮސްކޯޕިކް މައޮމެކްޓަމީ (Hysteroscopic myomectomy) އަކީ ރަހިމުގެ އެތެރޭގައި އުފެދޭ ފައިބްރޮއިޑްސް (submucosal fibroids) ނެގުމަށްޓަކައި ކުރެވޭ، ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަ އޮޕަރޭޝަނެކެވެ. މައޮމެކްޓަމީގެ އެހެން ގޮތްތަކާ ހިލާފަށް، މި އޮޕަރޭޝަންގައި ހަށިގަނޑުގެ ބޭރުން އެއްވެސް ތަނެއް ކޮށާލާކަށް ނުޖެހެއެވެ. ސަބަބަކީ ޑޮކްޓަރު ރަހިމާ ހަމައަށް ވާސިލުވަނީ އަންހެނާގެ ކުރިމަތިފަރާތުން (vagina) އަދި ރަހިމުގެ ދޮރު (cervix) މެދުވެރިކޮށެވެ.)

