ހިތް ހަރުވުމުގެ މާނައަކީ ހިތުން ކުލުނުވެރިކަމާއި، އޯގާވެރިކަން ފިލައި ދިޔުމެވެ. ޚުޝޫޢަތްތެރިކަމާއި، މަޑުމޮޅިކަން ފިލައި ދިޔުމެވެ.
ފާފަތަކާއި އުރެދުންތަކުގެ ސަބަބުން ހިތުގައި ދަބަރު ޖަހައި، ހިތް ފާސިދުވެގެންދެއެވެ.
“ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައި އުޅުނު ޢަމަލުތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރު ޖަހާފައި ވެއެވެ.”
މި އާޔަތުގެ ތަފްސީރު ސުންނަތުގައި އައިސްފައިވެއެވެ. “ހަމަކަށަވަރުން އަޅަކު ފާފައެއް ކޮށްފިނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހެއެވެ. ފަހެ، އޭނާ އެ ފާފައަކުން ދުރުވެ، އިސްތިޣުފާރުކޮށް، ތައުބާ ވެއްޖެނަމަ، އޭނާގެ ހިތް ސާފުވެދެއެވެ. އަދި އޭނާ އެ ފާފަ ކުރުމަށް އެނބުރި ގޮސްފިނަމަ އޭނާގެ ހިތް މުޅިން ފޮރުވެންދެން ތިކިތައް އިތުރުވެދެއެވެ. ﷲ ބަޔާންކުރައްވާފައިވާ “الرَّانُ” އަކީ އެއީ އެވެ.”
ޒުމަރު ސޫރަތުގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. “ފަހެ ﷲ ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކު ހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ.”
ހިތް އިޞްލާޙު ކުރުމުގެ މުހިއްމުކަން ބަޔާން ކޮށްދެއްވަމުން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވާފައި ވެއެވެ. “ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިޞްލާޙު ވެއްޖެނަމަ، މުޅި ހަށިގަނޑު އިޞްލާޙު ވެދެއެވެ. އަދި އެ މަސްކޮޅު ފަސާދަ ވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދެއެވެ. ދަންނާށެވެ! އެއީ ހިތެވެ.”
ހިތް ހަރުވުމުގެ ބަލީގެ އެންމެ މޮޅު ފަރުވާއަކީ ގިނަގިނައިން ޒިކުރު ކުރުމާއި، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނާ ފިކުރު ކުރުމެވެ. “ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި ޤުރުއާން ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާ އަށް ފެންނާނެއެވެ”.
ޞާލިޙު އަޅުވެރިންނާއެކު ވަގުތު ހޭދަކުރުމާއި، ނިކަމެތިންނަށް އެހީވުމާއި، ގިނަގިނައިން މަރު ހަނދާން ކުރުމުން ވެސް ހިތް މަޑުމޮޅިވެއެވެ. ފާފައާއި ޣަފުލަތުގެ ސަބަބުން ހިތުގައި ޖަހާ ދަމިލަތައް ސާފުކޮށް، ހިތް ޠާހިރުކުރުމަކީ އާދައެއްކަމުގައި ހަދަންޖެހެއެވެ. ޔާ ﷲ! އަޅަމެންގެ ހިތްތަކަކީ އިބައިލާހަށް ކިޔަމަންތެރި ހިތްތަކެއް ކަމުގައި ލައްވާނދޭވެ! އަޅަމެންގެ ދުޢާ ޢިޖާބަ ކުރައްވާނދޭވެ! އާމީން!
މައުލޫމާތު: الشَّيْخ مُحَمَّدُ مَعُوْن شَرِيْف / ދީނުގެމަގު

