ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވި މިސްކިތްތަކަށް ފޯރުކޮށްދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މުސްޙަފްތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓުމަށް ސަޢުދީ ސަރުކާރުން ދެއްވާ ޚާއްސަ ސަމާލުކަން ހާމަކޮށްދޭ ރަމްޒެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މުސްޙަފް ފޯރުކޮށްދިން މިސްކިތްތައް
މި ރަމަޟާން މަހުގެ ކުރިން މަސައްކަތް ނިންމާ ހުޅުވާފައިވާ މިސްކިތްތަކަށް މިހާރު ވަނީ މުސްޙަފްތައް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)
- މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ)
- މަސްޖިދުއް ތަޢުބާ (ނ. މަނަދޫ)
- މަސްޖިދު ރައްޔާން (ސ. މަރަދޫ)
- މަސްޖިދުލް ނޫރު (ށ. ފޯކައިދޫ)
- މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި)
- ތުނޑީ ބަނދަރު މިސްކިތް (ލ. ގަން)
- މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)
- މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2)
- މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ)
- މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)
- މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)
- މަސްޖިދުލް ސަލާމް (ލ. ގަން)
- މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)
2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް ޖުމްލަ 50,500 މުސްޙަފް ހަދިޔާކޮށްފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ މިސްކިތްތަކުގެ އިތުރުން، ކީރިތި ޤުރުއާން ހިތުދަސް ކުރާ ކުލާސްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ. އެގޮތުން މިހާރުވެސް އެކި ޤުރުއާން ކުލާސްތަކަށް މުސްޙަފްތައް ހަދިޔާކުރުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމްތަކާއި، ހިލޭ ސާބަހަށް ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. ސަޢުދީ ސަރުކާރުން ހަދިޔާ ކުރި މި މުސްޙަފްތަކަކީ މި މަޝްރޫޢު އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް ލިބުނު ބޮޑު އެހީތެރިކަމެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

