މި ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ވަނީ މި ރޭތަކުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކުގެ ލިސްޓު މިހާރު އާންމުކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގެ 21 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުލްމަލިކި ސަލްމާން، މަސްޖިދުލްފުރްޤާން އަދި މަސްޖިދުއްނޫރު ފަދަ ބޮޑެތި މިސްކިތްތައް ހިމެނެއެވެ.
ހުޅުމާލޭގެ ދެ ފޭސް ހިމެނޭހެން ޖުމްލަ 11 މިސްކިތެއްގައި ދަމު ނަމާދު ކުރާނެއެވެ. އެއީ ހުޅުމާލެ ފޭސް އެކެއްގެ 6 މިސްކިތަކާއި، ފޭސް ދޭއްގެ 5 މިސްކިތެކެވެ. މީގެ އިތުރުން ވިލިމާލޭގެ 3 މިސްކިތެއް ކަމަށްވާ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް އަދި މަސްޖިދުލްއިޚްލާސްގައި ވެސް ދަމު ނަމާދު ކުރުމަށް ވަނީ ނިންމާފައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކަކީ އަޅުކަމުގައި ގިނަ ބަޔަކު މަޝްޣޫލުވާ ދުވަސްތަކަކަށް ވާއިރު، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ދަމު ނަމާދު ކުރުން ކުރިއަށް ގެންދެއެވެ. މި ނަމާދުގައި ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާކަން ފާހަގަކުރެވެއެވެ.
ދަމު ނަމާދު ކުރާ ބައެއް މުހިންމު މިސްކިތްތައް:
މާލޭގެ މިސްކިތްތަކުގެ ތެރޭގައި
- ވިޔަފާރިވެރިންގެ މިސްކިތް،
- ޝަހީދު ޢަލީ މިސްކިތް،
- ޠައިބާ މިސްކިތް،
- ދުނބުރި މިސްކިތް،
- ފަނޑިޔާރު މިސްކިތް،
- ބަންޑާރަ މިސްކިތް،
- ޞަލާޙުއްދީން މިސްކިތް އަދި
- ޖަލާލުއްދީން މިސްކިތް ހިމެނެއެވެ.
އަދި ހުޅުމާލެއިން
- ވައްގުއްބު މިސްކިތް،
- މަސްޖިދު ރަޝީދު،
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދު ޙަސަން ޢާދަމް ފަދަ މިސްކިތްތައް ހިމެނެއެވެ.

