ދުއިރުމަތީގައި އިރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ސަރަހައްދުން ބޭރުކުރާ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު އިންތިހާއަށް އުފުލިއްޖެއެވެ. މި ހަމަނުޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 114 ޑޮލަރަށް އަރާފައެވެ.
މި ބޮޑު ބަދަލު އައިސްފައިވަނީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، މި މަހުގެ 3 ވަނަ ދުވަހު އީރާންގެ ރިވޮލިއުޝަނަރީ ގާޑް ފޯސްއިން ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރިކަން އިއުލާނުކުރުމާ ގުޅިގެންނެވެ. ހަކަތައާއި ބެހޭ ތަޖުރިބާކާރު އެޑް ހާސް ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ދޭ އަސްކަރީ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައި ހުއްޓުމަކަށް އައިސްފިނަމަ، އަގުތައް މިއަށްވުރެ ވެސް ބޮޑަށް އުފުލިގެންދާނެއެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ޖުމްލަ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ އެންމެ މުހިންމު އެއް މަގެވެ. 100 މޭލު ދިގު މި ކަނޑުއޮޅި ބަންދުކުރުމުން ބްރެންޓް ކްރޫޑްގެ އަގު 25 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 119.50 ޑޮލަރަށް އަރާފައެވެ. މިއީ 2022 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާ މަތީ މިންވަރަކަށް ދިޔަ ފުރަތަމަ ފަހަރެވެ. ހަމައެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު ވެސް ވަނީ ފީފާއަކަށް 119.48 ޑޮލަރަށް އުފުލި، ތާރީހީ ރެކޯޑެއް ގާއިމުކޮށްފައެވެ.
އައިޖީ މާކެޓްގެ އެނަލިސްޓް ޓޯނީ ސައިކަމޯ ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ފެންނަން ނެތުމަކީ ބާޒާރުގެ ނުތަނަވަސްކަން އިތުރުވާ ކަމެކެވެ. މިހާރުވެސް އިރާގު، ކުވެއިތު އަދި ޔޫއޭއީން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފައިވާއިރު، ތެޔޮ ރައްކާކުރާނެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް އުފެއްދުންތެރިންނަށް ވަނީ ސަޕްލައި މެދުކަނޑާލަން މަޖުބޫރުވެފައެވެ.
ތެލުގެ އަގު އުފުލުމުގެ އަސަރު މިހާރު ވަނީ ދަނޑުވެރިކަމުގެ ބާވަތްތަކަށް ވެސް ކުރަން ފަށާފައެވެ. އެގޮތުން މެލޭޝިޔާގެ ޕާމް އޮއިލްގެ އަގު 9 އިންސައްތަ އުފުލިފައިވާއިރު، ސޯޔާބީން އޮއިލް އާއި ޒުވާރީގެ އަގުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މަސްރަހު މިގޮތަށް ދެމިއޮވެއްޖެނަމަ، ދުނިޔޭގެ އިގްތިސާދަށް ލިބޭ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާނެއެވެ.

