ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދުންފުނީގެ އަސަރު އިތުރުވެ، ވައިގެ ފެންވަރު ނުރައްކާތެރި މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދުގައި ވައި ނުސާފު މިންވަރު މަތިވަމުންދާ ދުވަސްވަރެކެވެ.
ވައިގެ ނުސާފުކަން މިވަގުތު އެންމެ މަތީގައި އުޅެނީ ވިލިމާލެ ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި ވައިގެ ފެންވަރު ހުރީ 139 ގައެވެ. މިއީ “އޮރެންޖް އެލާޓް” ނުވަތަ ހާއްސަ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވާ ފަދަ ދަރަޖައެކެވެ.
“އައިކިއު އެއާ”ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވިލިމާލޭގެ ވައިގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް 2.5 ހުރީ 42.1 ގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 12 ގުނަ އިތުރު މިންވަރެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ފެންވަރު ހުރި ގޮތަށް ބަލާއިރު، ހދ. ކުޅުދުއްފުށީގައި ހުރީ 151 ގައެވެ. މިއީ ހައި ރިސްކު މީހުންނަށް ނުރައްކާތެރި މިންވަރެކެވެ. މީގެ އިތުރުން ދ. ކުޑަހުވަދޫގައި 124 ގައި ހުރިއިރު، މިއީވެސް ބަލި މީހުންނަށް ނުރައްކާވާނެ މިންވަރެކެވެ.
އެހެން ބައެއް ރަށްރަށަށް ބަލާއިރު، ށ. ފުނަދޫގައި 68، ފުވައްމުލައް ސިޓީގައި 79 އަދި އައްޑޫ ސިޓީގައި 84 ގައި ވައިގެ ފެންވަރު ހުރިއިރު، މި ރަށްރަށުގައި ވައިގެ ނުސާފުކަން ހުރީ މެދު މިންވަރެއްގައެވެ.
ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެތީ، ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް ސިއްހީ މާހިރުން ލަފާދެއެވެ. މީގެ އިތުރުން ގޭތެރެއަށް ނުސާފު ވައި ވަނުން ހުއްޓުވުމަށްޓަކައި ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށްވެސް އިރުޝާދު ދީފައިވެއެވެ

