ރަމަޟާން މަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި އަލްއަބްރާރް ގްރޫޕުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އަލްއަބްރާރް ގްރޫޕުގެ ހަވާލުގައި އުމްރާއަށް ފުރަން ހަމަޖެހުނު 110 މީހުންގެ ދަތުރު ކެންސަލްކުރީ މަގުބޫލު ސަބަބެއް ނެތިކަން މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން، އެ ގްރޫޕަށް ދީފައިވާ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.
ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، އެ ގްރޫޕުން އުމްރާވެރިއެއްގެ އަތުން 45,000 ރުފިޔާ ނަގާފައިވެއެވެ. ދަތުރުވެރިން ފުރަން އޮތް ދުވަހުގެ މެންދުރު ވަގުތު އެ ގްރޫޕުން ދަތުރު ކެންސަލްކުރިކަން އެންގީ "މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ވާނެ ގޮތެއް ނޭނގޭތީ" ކަމަށް ބުނެއެވެ.
އަލްއަބްރާރް ގްރޫޕުގެ އިހުމާލުން ނުފުރި ތިބި 164 މީހުންނަށް އުމްރާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ވަނީ އިސްނަގައިފައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެން، އާދިއްތަ ދުވަހުގެ ރޭ އެ ހުރިހާ އުމްރާވެރިން ވަނީ ފުރުވާލައިފައެވެ. އެ މީހުން މައްކާގައި ތިބުމުގެ އިންތިޒާމުތައް ވެސް ސަރުކާރުން މިހާރު ދަނީ ހަމަޖައްސަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، އަލްއަބްރާރް ގްރޫޕުން އަމަލުކުރި ގޮތް އިތުރަށް ބަލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެ ކުންފުންޏާ މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

