މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެ އިދާރާއިން ބުނީ ހަނދު ބެލުމުގެ ކަންކަން ކުރިއަށްދާނީ އެހެން އަހަރުތަކުގައިވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ކަމަށެވެ.
ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށްޓަކައި މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމައްޗަށް ހާޒިރުވާން ޖެހޭނެއެވެ. އަދި އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމައްޗަށް ނުވަތަ މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ އެވަގުތަކު އެ ކޯޓަކާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމައްޗަށް ހާޒިރުވެ ހެކިބަސް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް އެ ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ.
ހަނދު ދުށް މީހަކު ހެކިބަސް ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު މައުލޫމާތުތައް ހިއްސާކުރަން ޖެހޭނެއެވެ. އަދި ހެކިބަސް ދިނުމަށްޓަކައި އެހެން ރަށަކަށް ދަތުރުކުރަން ޖެހިއްޖެނަމަ، އެ މީހެއްގެ ދަތުރު ހަރަދު ޑީޖޭއޭ އިން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 ވަނަ ދުވަހެވެ.

