ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެމްބިއުލާންސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެކު މިނިސްޓްރީ އޮފް ހެލްތުން ރޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.
މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ، ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން، ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަން ފާހަގަކުރައްވައިފައެވެ. އެހެންކަމުން، އެމްޕީއެލްއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މި އުޅަނދުތައް ގަވާއިދުން ބަލަހައްޓައި، މަރާމާތު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އެމްބިއުލާންސްތައް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކުރިއިރު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖެއަށް އާ އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ލަނޑުދަނޑިތަކުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.
މަރާމާތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ރޭގެ ރަސްމިއްޔާތުގައި ވަނީ އިތުރު 14 ރަށަކަށް އާ އެމްބިއުލާންސް ހަވާލުކޮށްފައެވެ. އެ ރަށްތަކަށް އެމްބިއލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.
ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެކަނި ވެސް 56 ރަށަކަށް ވަނީ އެމްބިއުލާންސް ހަވާލުކޮށްފައެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

