ބަލި މީހުންގެ ނަމުގައި ހިންގާ “މެޑިކަލް ސްކޭމް” ތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފިއެވެ. އެ ސެންޓަރުން ހާމަކުރި ގޮތުގައި، ފަހަކަށް އައިސް ފޭސްބުކް ފަދަ މީސްމީޑިއާގެ ވަސީލަތްތަކުގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ މިފަދަ ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށެވެ. ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި، އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން، ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ އިހުސާސްތަކާ ކުޅެލައި، ހަމްދަރުދީ ހޯދުމަކީ ވެސް މިފަދަ ފަރާތްތަކުން ކުރާ ކަމެކެވެ. އަދި ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނަގާ ކަމަށާއި، ނަމަވެސް މެސެޖަށް ޖަވާބުދޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އެހީގެ ގޮތުގައި ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ގުޅައި ވާހަކަ ދައްކައި ކަންކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ޕޯސްޓްގައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުމަށް “ގޫގުލް ރިވާސް އިމޭޖް ސާޗް” ބޭނުންކުރުމަށް ވެސް އެދިފައިވެއެވެ.
އެންޓި ސްކޭމް ސެންޓަރުން އިތުރަށް ބުނީ، ސައްހަކަން ޔަގީންނުވާ ޕޯސްޓްތައް ޝެއާ ކުރުމަކީ އިތުރު ބަޔަކު މި މަޅީގައި ޖެހުމަށް ދެވޭ ދައުވަތެއް ކަމަށެވެ. އެހެންކަމުން، އެފަދަ ޕޯސްޓްތައް ޝެއާ ނުކުރުމަށާއި، އާންމުންގެ ދީލަތި އެހީ ކުށްވެރިންގެ އަތަށް ދިޔަ ނުދިނުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

