ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް، ޚާއްސަކޮށް މާލެއާއި އުތުރުގެ ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދުންފުނީގެ އަސަރު ކުރާނެ ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މާލެ އަތޮޅުގެ ރަށްތަކަށް ދުންފުނީގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައިވެސް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް، ތިންވަނަ ދުވަހުން ފެށިގެން ވައި ސާފުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރި ގޮތުގައި، މި ހަފުތާގެ މިދިޔަ ދުވަސްތަކާ އަޅާބަލާއިރު މިއަދު ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައިވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުން ދައްކާ ގޮތުގައި، ހުރިހާ ހިސާބެއްގައިވެސް މިވަގުތު ވައިގެ ކޮލިޓީ ހުރީ އެވްރެޖުކޮށް 68 އަށްވުރެ މަތީގައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގެ ވައިގެ ކޮލިޓީ މިހާރު ހުރީ 113 ގައެވެ. އަދި ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ ސިސްޓަމުން ދައްކާ ގޮތުގައި، ވިލިމާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 157 ގައެވެ.
އާންމު މިންގަޑުގައި އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ “މޮޑަރޭޓް ލެވަލް” އެކެވެ. އެހެންނަމަވެސް، މިއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. ޚާއްސަކޮށް އެއާ ކޮލިޓީ އިންޑެކްސް 100 އަށްވުރެ މަތިވެއްޖެ ނަމަ، ސިއްހީ ގޮތުން “ހައި ރިސްކު” މީހުންނަށް ނުރައްކާ ބޮޑުވާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

