މެދުއިރުމަތީގައި ހިނގަމުންދާ އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް އުފުލި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ބޮޑެތި އެއާލައިންތަކުން ޓިކެޓުގެ އަގު ބޮޑުކުރަން ފަށައިފިއެވެ. މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް އަންނަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މީގެ ކުރިން 85 އެމެރިކާ ޑޮލަރާއި 90 އެމެރިކާ ޑޮލަރާ ދެމެދުގެ އަގަކަށް ލިބެމުންދިޔަ ޖެޓް ފިއުލް ފީފާއެއްގެ އަގު މިހާރު ވަނީ 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. މިއާއެކު އެއާލައިންތަކުން ތެޔޮ ގަތުމަށް ކުރަންޖެހޭ ޚަރަދު ކުއްލިއަކަށް ބޮޑުވެ، އޮސްޓްރޭލިޔާގެ ގަންތަސް އެއާވޭސް، ސްކެންޑިނޭވިޔާގެ ސާސް އެއާލައިން އަދި އެއާ ނިއުޒީލެންޑުން ވަނީ ޓިކެޓުގެ އަގުތައް ބޮޑުކުރިކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ. މީގެ އިތުރުން ބައެއް އެއާލައިންތަކުން ވަނީ "ފިއުލް ސާޗާޖު" ގެ ގޮތުގައި ނަގާ މިންވަރު އިތުރުކުރުމަށް ނިންމާފައެވެ.
ތެލުގެ އަގަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް ބައެއް އެއާލައިންތަކުން ދުރާލާ ‘ހެޖިން، އެއްބަސްވުންތައް ހަދާފައި އޮތް ނަމަވެސް، މިހާރު ޓިކެޓުގެ އަގު ބޮޑުކުރި ކުންފުނިތަކުގެ ތެރޭގައި އެފަދަ އިންތިޒާމެއް ނެތް ކުންފުނިތައް ހިމެނެއެވެ. އެހެންނަމަވެސް، އެއާލައިންތަކުން ބުނާ ގޮތުގައި ބާޒާރަށް ތެޔޮ ނެރޭ މިންވަރު މަދުވެއްޖެ ނަމަ، ކުރިން ހަދާފައިވާ އެއްބަސްވުންތަކުން ކުރާނެ ފައިދާއެއް ނެތެވެ. އަދި މި ޙާލަތު ދިގުލައިގެން ގޮސްފި ނަމަ ތެޔޮ ގަންނަން ނުލިބޭ ފަދަ ދަތި ޙާލަތަކަށް ދިޔުން އެކަށީގެންވާ ކަމުގެ އިންޒާރު ވެސް އެ ކުންފުނިތަކުން ދެއެވެ.
ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގިނަ ޤައުމުތަކެއްގެ ވައިގެ ސަރަޙައްދު ބަންދުކުރުމަކީ ވެސް އެއާލައިންތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރުކުރާ ރޫޓުތައް ބަދަލުކުރަން ޖެހުމުން، ދަތުރުގެ ވަގުތު އިތުރުވެ، ޚަރަދުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ ސަބަބުން ބައެއް ރޫޓުތަކުން ޖާގަ ހޯދުމަށް ވެސް މިހާރު ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ޓިކެޓުގެ އަގު ބޮޑުވުމުން ދަތުރުކުރާ މީހުންގެ ޢަދަދު މަދުވެ، ކުރިން ބުކް ކޮށްފައިވާ ދަތުރުތައް ކެންސަލް ކުރުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ. މިހާރުވެސް ގިނަ ޢަދަދެއްގެ ޓުއާ އޮޕަރޭޓަރުން ދަނީ މެދުއިރުމައްޗަށް ކުރަން ހުރި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑައިލަމުންނެވެ.

