ރ. ހުޅުދުއްފާރުގައި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ސަރަހައްދެއް މަރާމާތު ކުރުމާއި، ކުނި މެނޭޖްކުރާ ސެންޓަރުގައި އޮފީސް އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއަކީ ޖުމްލަ 1.76 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 90 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ގާތްގަނޑަކަށް 1,640 މީހުންގެ އާބާދީއެއް އޮންނަ ހުޅުދުއްފާރުގައި މިފަދަ މަރުކަޒެއް ގާއިމުކުރެވިގެން ދިއުމަކީ ރަށުގެ ސާފުތާހިރުކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ. މި ސެންޓަރުގެ ސަބަބުން ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލެވި، އާންމު ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ.

