ފެރޭރޯ ރޮޝާ އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޗޮކްލެޓެކެވެ. ނަމަވެސް އާންމުކޮށް މިފަދަ ޗޮކްލެޓްތަކުގައި ހަކުރާއި ފެޓް ހުންނަ މިންވަރު ގިނަވުމުން، ސިއްހަތަށް ލޯބިކުރާ ފަރާތްތަކަށް މިއީ އަބަދު ކެއުމަށް އެންމެ ރަނގަޅު އެއްޗަކަށް ނުވެދާނެއެވެ. މި މަޒުމޫނުގައި މި ބަލާލަނީ ފެރޭރޯ ރޮޝާގެ މީރު ރަހަ ލިބޭ، ހަށިގަނޑަށް ފައިދާހުރި މާއްދާތަކުން މުއްސަނދި “އޯވަނައިޓް އޯޓްސް” ތައްޔާރުކުރާނެ ގޮތުގެ މައްޗަށެވެ.
ބޭނުންވާ ތަކެތި
- 1/2 ޖޯޑު ރޯލްޑް އޯޓްސް
- 1 ޖޯޑު ގްރީކް ޔޯގަޓް (ޕްލެއިން ނުވަތަ ވެނީލާ)
- 2 ސައިސަމުސާ ޗިއާ ސީޑްސް
- 2 ސައިސަމުސާ ހަކުރު ނުހުންނަ ކޮކޯ ޕައުޑަރު
- 1 ސައިސަމުސާ މާމުއި ނުވަތަ މޭޕަލް ސިރަޕް (ފޮނިކުރަން ބޭނުންވާ މިންވަރަށް)
- 1/4 ޖޯޑު މުގުރާފައި ހުރި ހޭޒަލްނަޓް
- 30 ގްރާމް ދިޔާކޮށްފައި ހުރި ޑާކް ޗޮކްލެޓް (%80-%85 ކޮކޯ)
- 1/4 ޖޯޑު ކިރު (މިކްސްޗަރު މާ ބޯނަމަ ބޭނުންކުރުމަށް)
ތައްޔާރު ކުރާނެ ގޮތް
ރޯލްޑް އޯޓްސް، ގްރީކް ޔޯގަޓް، ޗިއާ ސީޑްސް، ކޮކޯ ޕައުޑަރު އަދި މާމުއި ރަނގަޅަށް އެއްކޮށްލާށެވެ. މި މިކްސްޗަރުގެ ތެރެއަށް މުގުރާފައި ހުރި ހޭޒަލްނަޓްގެ ބޮޑުބައި އަޅާލާފައި މަޑުމަޑުން އެއްކޮށްލާށެވެ. ހޭޒަލްނަޓަކީ ފެރޭރޯ ރޮޝާގެ އަސްލު ރަހަ ގެނެސްދޭނެ މުހިންމު ބާވަތެވެ.
ތައްޔާރުކުރި މިކްސްޗަރުގެ މަތި ޖެހުމަށްފަހު، މަދުވެގެން 4 ގަޑިއިރު ނުވަތަ މުޅި ރޭގަނޑު ފްރިޖުގައި ބަހައްޓާށެވެ.
އޯޓްސް ސެޓްވުމުން، ޑާކް ޗޮކްލެޓްކޮޅު މައިކްރޯވޭވް ނުވަތަ ހޫނުކޮށްގެން ވިޔަސް ދިޔާކޮށްލާށެވެ. ދެން މި ޗޮކްލެޓް ފަށަލަ އޯޓްސްގެ މައްޗަށް އޮއްސާލާށެވެ. އޭގެ މައްޗަށް ބާކީ ހުރި ހޭޒަލްނަޓްކޮޅު ބުރުވާލުމަށްފަހު، ޗޮކްލެޓް ފަށަލަ ހަރުވަންދެން 10-15 މިނެޓަށް އަލުން ފްރިޖަށް ލާށެވެ.
މިއީ ރަހަ އާ އެއްވަރަށް ޕްރޮޓީން އާއި ފައިބަރުން މުއްސަނދި، ގިނައިރު ވަންދެން ބަނޑުފުރިފައި ހުންނަން އެހީތެރިވެދޭނެ އެއްޗެކެވެ. ޑާކް ޗޮކްލެޓް ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓްސް ލިބިގެންދެއެވެ. އޯޓްސްގެ ޓެކްސްޗާ އޮމާންކޮށް ބަހައްޓަން ބޭނުންނަމަ، ހޭޒަލްނަޓް އެޅުމުގެ ކުރިން ބްލެންޑަރަކުން މިކްސްޗަރު ހިމުންކޮށްލެވިދާނެއެވެ.
މިއީ ފޮނި އެއްޗެއް ކާލަން ބޭނުންވާ ވަގުތުތަކުގައި ސިއްހަތަށް ގެއްލުން ނުވާނެހެން ތައްޔާރުކޮށްލެވޭނެ ވަރަށް ފުރިހަމަ ރެސިޕީއެއް ކަމަށެވެ. މިއީ ރޯދަމަހުގެ ރޭގަނޑުގެ ކޮންމެ ގަޑިއެއްގެ ނާސްތާއަށް ނުވަތަ ކަސްރަތަށްފަހު ކާލަންވެސް ވަރަށް އެކަށީގެންވާ އެއްޗެކެވެ.

