ލައިލަތުލްޤަދްރި ވިލޭރެއަކީ މާތްﷲ އިސްލާމީ އުއްމަތަށް ދެއްވާފައިވާ އެންމެ ތަނަވަސް އަދި މަތިވެރި ނިޢުމަތެވެ. މި ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ، އަދި އަހަރުގެ އެންމެ މަތިވެރި ރެއެވެ. ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވީ ރަމަޟާން މަހުގެ މި ބަރަކާތްތެރި ރޭގައެވެ. އެރޭގެ މަތިވެރިކަން ބަޔާންކުރައްވައި މާތްﷲ ވަނީ އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ލައިލަތުލްޤަދްރި ވިލޭރެއަކީ އެ އަހަރެއްގެ ތެރޭގައި ހިނގާނެ މުހިއްމު ކަންތައްތައް ކަނޑައެޅޭ ރެއެވެ. މީސްތަކުންގެ ރިޒުޤާއި، އުމުރާއި، އަދި އެނޫންވެސް ކަންކަން މަލާއިކަތުންނަށް އެރޭ އަންގަވައެވެ. މިއީ އެއްވެސް ބަދަލެއް ނާންނާނެ ފަދަ އިލާހީ ޙިކުމަތްތެރި ނިންމެވުންތަކެކެވެ. އިބްނު ކަޘީރު ފަދަ ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ، މިއީ މާތްﷲގެ ޙަޟުރަތުން އަންނަ އަމުރުފުޅުތަކާއި ރަޙުމަތް ތަންފީޛުކުރެވޭ، އަދި މަލާއިކަތުން ބިމަށް ފައިބައިވަޑައިގަންނަވާ ވަރަށް ޚާއްޞަ ރެއެއް ކަމަށެވެ.
ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުއްމަތަށް ދެއްވާފައިވާ ބަރަކާތްތެރި މައްސަރެކެވެ. މި މަހުގެ މަތިވެރިކަން ބަޔާންކުރައްވައި ރަސޫލާ (ޞޢވ) ޙަދީޘްކުރައްވާފައިވަނީ، މިއީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، އަދި ޝައިޠާނުންތައް ކަސްތޮޅު އެޅުވޭ މައްސަރެއް ކަމަށެވެ. މި މަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ލައިލަތުލްޤަދްރި ވިލޭރޭ ހިމެނިގެންވުމީ މި މަހުގެ ޝަރަފު އިތުރުވެގެންދާ ކަމެކެވެ.
ރަމަޟާން މަހުގެ ބަރަކާތް ލިބިގަތުމަށް މަސައްކަތް ނުކުރާ މީހަކީ އެންމެ ބޮޑު ގެއްލުމެއް ލިބިގެންވާ މީހާ ކަމުގައި ބަޔާންކުރައްވާފައިވެއެވެ. ޖިބުރީލުގެފާނު ކުރެއްވި ދުޢާއަކަށް އާމީން ވިދާޅުވަމުން ރަސޫލާ (ޞޢވ) އަންގަވާފައިވަނީ، ރަމަޟާން މަސް ބައްދަލުވެ، އެ މަސް ނިމިގެންދާއިރު ފާފަ ނުފުއްސެވޭ މީހާއަކީ ﷲގެ ރަޙުމަތުން ދުރުވެފައިވާ މީހެއް ކަމަށެވެ. މީގެ އިތުރުން، ރަސޫލާ (ޞޢވ) ގެ ނަންފުޅު އިވޭހިނދު ޞަލަވާތް ނުކިޔަވާ މީހުންނާއި، މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމުގެ ސަބަބުން ސުވަރުގެ ނުލިބޭ މީހުންނަކީވެސް މިފަދަ މަޙްރޫމުންނެވެ
ބުއްދިވެރިއަކީ ﷲގެ ރަޙުމަތް އޮހޭ މިފަދަ މަތިވެރި ދަނޑިވަޅުތަކުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަ މީހާއެވެ. ރަމަޟާން މަހުގެ އަޅުކަންތައް ފުރިހަމައަށް އަދާކޮށް، ވަކިން ޚާއްޞަކޮށް ފަހު ދިހައެއްގެ އޮޮނަހިރި ރޭތަކުގައި ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް މުހިންމު ކަމެކެވެ.

