ބަލިމީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި ހަރުދަނާ ނިޒާމެއް ގާއިމުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތުގެ ތެރެއިން މިހާތަނަށް 2,270 ބަލިމީހަކު ރައްކާތެރިކަމާއެކު އުފުލާފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
ސަރުކާރުން ގެނައި އެމްބިއުލާންސްތައް 14 ރަށަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމު ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން ޖުމްލަ 1,755 ދަތުރުކޮށްފައިވާ ކަމަށެވެ. "ޚާއްސަގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށި 1755 ދަތުރުކޮށް 2270 ބަލިމީހުން ރައްކާތެރިކަމާއިއެކު އުފުލިފައިވާކަން މިއީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް،" ގާސިމް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ތައާރަފުކުރެއްވި މި ހިދުމަތް ދެނީ ގައުމީ އެއާލައިންގެ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއްގައެވެ. މި ބޯޓުގައި ބަލިމީހުންނަށް ބޭނުންވާ ވެންޓިލޭޓަރާއި، އިންކިއުބޭޓަރާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އެހެނިހެން ޒަމާނީ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. އަދި މި ހިދުމަތަށް ހާއްސަކޮށް ތަމްރީނުކޮށްފައިވާ ޑޮކްޓަރުންނާއި ނަރުހުން އަދި ޓެކްނީޝަނުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހިދުމަތް ތައާރަފުކުރުމުގެ ކުރިން ރަށްރަށުން ބަލިމީހުން އުފުލުމުގައި ބަރޯސާވާން ޖެހެނީ ޝެޑިއުލް ފުލައިޓުތަކަށެވެ. ނަމަވެސް އެއާ އެމްބިއުލާންސްގެ ހިދުމަތާއެކު، އެއާލައިންތަކުގެ ތާވަލަށް ބަރޯސާވާންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. މިއީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖެއިން ބޭރަށް ބަލިމީހުން އުފުލުމުގައިވެސް މި ހިދުމަތް ބޭނުންކުރުމަށް މިހާރު ވަނީ ނިންމާފައެވެ. މިކަމަށްޓަކައި ސިއްހީ ވުޒާރާއާއި، އައިލެންޑް އޭވިއޭޝަން އަދި އެންސްޕާގެ މެދުގައި މިހާރު ވަނީ އެއްބަސްވުމެއް ގާއިމުކުރެވިފައެވެ.

