ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ސިޔާމްގެ އެމްޑީއޭ އިން ތާޢީދުކޮށްފި
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ފުރިހަމައަށް ތާޢީދުކޮށްފިއެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ އިޤްތިސާދީ ޙާލަތާއި، ޤައުމުގެ ސުލްހަމަސަލަސްކަމަށް ރިޢާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ. އަދި މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން ތާޢީދުކުރެއެވެ.
އެ ޕާޓީން އިތުރަށް ފާހަގަކުރި ގޮތުގައި، މި ނިންމުމަކީ ދިވެހި ޤައުމުގެ ކުރިމަގަށް އަޅާ ހަރުދަނާ ފިޔަވަޅެކެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ މި ވިސްނުމަށް އެމްޑީއޭ އިން ވަނީ މަރުޙަބާ ކިޔާފައެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ވޯޓުގައި “ފެންނަ” ކަމަށް ވޯޓްލުމަށް ސަރުކާރު ހިންގާ ޕީއެންސީއާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެދިފައެވެ.
މި މައްސަލައިގައި އިދިކޮޅު އެމްޑީޕީން ވަނީ ކުރީގެ ވިސްނުން ބަދަލުކޮށް، ކުއްލި ގޮތަކަށް މި ވޯޓާ ދެކޮޅު ހަދާފައެވެ. އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުޙައްމަދު ސޯލިހާއި މުޙައްމަދު ނަޝީދަކީ މީގެ ކުރިން އިންތިޚާބުތައް އެއްކޮށް ބޭއްވުމަށް ތާޢީދުކުރެއްވި ބޭފުޅުންނެވެ. ނަމަވެސް އެމްޑީޕީން މިކަމާ ދެކޮޅު ހެދުމާ ގުޅިގެން ނަޝީދު ވެސް މިހާރު ވަނީ އެމަނިކުފާނުގެ ނިންމުން ބަދަލުކުރައްވާފައެވެ.
އެމްޑީއޭ އިން ބުނި ގޮތުގައި މިފަދަ ނިންމުމަކީ ޤައުމުގެ އިޤްތިސާދީ ދެމެހެއްޓެނިވިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.

