އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޝީޝާ ފިހާރަ ކައިރީގައި އޮންނަ ފަޅު ގޯއްޗެއްގައި ރޯވި އަލިފާންގަނޑު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ކޮންޓުރޯލުކޮށް ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ފަޅު ގޯތީގެ ތެރޭގައި ހުރި ކުނިތަކެއްގައި ރޯވުމުގެ ސަބަބުންނެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭގެ 23:00 ހާއިރުއެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި ހިތްވަރުގަދަ މަސައްކަތުން، ފަޅު ގޯތީގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 23:13 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ފަޅު ގޯތިތަކުގައި ކުނި ނޭޅުމަށާއި، އަލިފާނުގެ ހާދިސާތަކަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

